ދަރަނި ނެގުމުގައި ދަރަނި ދޭ މީހާ ކިތަންމެ ގިނައިން ދޭން ހުއްޓަސް، ދަރަނި ނަގާ މީހާ ދަރަނި ނަގަން ވާނީ ބަލައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީއިން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ރިޔާސީ ކެމްޕެއިންގެ ތެރެއިން ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދޭ މީހާ ދިނަސް، ކާ މީހާ ކާން ވާނީ ބަލައިގެނޭ ބުނާ ވާހަކަ އެއީ ސަރުކާރުންވެސް ދަރަނި ނެގުމުގައި އަމަލުކުރަން ޖެހޭ މިސާލެއް ކަމަށެވެ.



"ދޭ މީހާ ދިނަސް ކާ މީހާ ކާއިރު ބަލަން ވާނެ. ކަނޑަށް އެޅިޔަސް ހިސާބު ބައްލަވާށޭ ބުނޭ ނޫންތޯ. އެހެން ކަމަށް ވަންޏާ، އަޅުގަނޑުމެން އެބަ ޖެހޭ ތަނަކުން ދަރަންޏެއް އެއްޗެއް ނެގިޔަސް އަދި އެހެން ކަމެއް ކުރިޔަސް ބަލާލަން އަޅުގަނޑުމެންނަށް ދެއްކޭ ވަރުގެ ދަރަންޏެއްތޯ މިއީ. ދަރަނި ނުދެއްކޭ ކަމަށްވަންޏާ، ކިހިނެއްތޯ އަޅުގަނޑުމެން ބޭންކަށް މޯގޭޖްކޮށްގެން ދަރަނި ނެގީމާ، ދަރަނި ނުދެއްކީމަ ބޭންކުން ކަންތައް ކުރާނީ ކިހިނެއްތޯ. އެ ލޯން އަނބުރާ ނުދެއްކިއްޖެއްޔާ ޝަރީއަތަށް ދާނީ. ހަމަ އެ އުސޫލު އޮންނާނީ ސަރުކާރަށްވެސް." ގާސިމް ވިދާޅުވިއެވެ.

ގާސިމް އެއްވެސް ހައްދެއް ނެތި ބަލައިނުލާ ދަރަނިތައް ނަގައިފިނަމަ، ދައުލަތް ބަނގުރޫޓުވެ، ރައްޔިތުން އަޅުވެތިކަމާއި ހަމައަށް ދިއުން އެކަށީގެންވާ ކަމަށެވެ. އަދި ހަމައެއާއިއެކު، ގައުމަކަށް އިގްތިޞާދީ ތަރައްގީ ގެނެސްދެވޭނީވެސް އެ ގައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލް ސަލާމަތުން އޮވެގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން