ރާއްޖޭގެ ކޮންމެ ރަށެއްގެ ކައުންސިލަކުން އެދޭ ފަސް ކަމެއް ދައުރު ނިމުމުގެ ކުރިން ފުރިހަމަ ކުރައްވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީއިން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އދ. މަންދޫއަށް ޒިޔާރަތްކުރަށްވައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައި ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ކޮންމެ ރަށެއްގެ ރައްޔިތުން އެރަށެއްގެ ކައުންސިލާއި ވާހަކަދައްކައިގެން ކައުންސިލުން ހުށަހަޅާ ފަސް ކަމެއް ފުރިހަމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ހުށަހަޅުއްވާ ކަންތައްތަކަކީ ނުކުރެވޭ ވަރުގެ ބޮޑު ކަމަކަށް ވާނަމަ ރައްޔިތުންނާއި މަޝްވަރާކޮށްގެން އޭގެ ބަދަލުގައި އެހެން ކަމެއް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޮންމެ ރަށެއްގަައި ވެސް ރައްޔިތުން ބޭނުންވާ ފަސް ކަމެއް، ތިޔަ ބޭފުޅުުން ކައުންސިލާ ވާހަކަ ދައްކަވައިގެން ހުށަހަޅަންވީ އަޅުގަނޑުމެނަށް ސަރުކާރަށް އާދެވިއްޖެއްޔާ. ނޫނީވިއްޔާ މިހާރު ހުށަހެޅުއްވިޔަސް އެންމެ ރަނގަޅު. ހުށަހެޅުއްވީމާ އެ ފަސް ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން،. ކޮންމެވެސް ފަސް ކަމެއް އަޅުގަނޑުމެން ނިންމަދޭނަން 5 އަހަރު ނިމުމުގެ ކުރިން." ގާސިމް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ 5 އަހަރު ނިމެންދެން ކަމެއް ނުކޮށް ނުތިބޭނެ ކަމަށާއި ދައުރުގެ ފުރަތަމަ އަހަރުން ފެށިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ. މީގެ އިތުރަށްވެސް، ގާސިމް ވަނީ ކޮންމެ ރަށެއްގެ ސްކޫލެއްގައި ޓީވީ، ސްމާޓް ބޯޑް އަދި އޭސީ ބަހައްޓަވަންވެސް ވައުދުވެ ވަޑައިގެންފައިއެވެ.

ގާސިމް އިބްރާހީމަކީ މިހާރު ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމު ގެނައުމަށް އެންމެ އިސްސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ސިޔާސީ އިސްލާޙީ މަސައްކަތުގެ އެންމެ އިސް އެއް މޭސްތިރިއެވެ. އަދި މިހާރު ޢަމަލުކުރަމުން މިދާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީވެސް ޤާސިމެވެ. އަދި މި ނިޒާމުގެތެރެއިން އުފެދުނު ކޮންމެ ސަރުކާރެއްވެސް މިހާތަނަށް އުފެދިފައިވަނީ ޤާސިމް އިބްރާހީމްގެ ވަރަށްބޮޑު ބައިވެރިވުމަކާއި އެހީތެރިކަމަކާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން