ވެރިކަން ލިބިވަޑައިގެންނެވިނަމަ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ ކެމްޕެއިން މެނޭޖަ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަހީދު މިފަދައިން ވިދާޅުވީ ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އދ. ހިމެންދޫއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކުރީގެ ޓޫރިޒަމް މިިނިސްޓަރކަންވެސް ކުރަށްވާފައިވާ ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އާއިލާތަކަށް ގާސިމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި ގާސިމްގެ ސިޔާސަތަކީ އެންމެ އާދައިގެ ރައްޔިތުމީހާއަށްވެސް ބަލައިގަނެވޭނެ ލުއިފަސޭހަ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

ޢަލީ ވަހީދު ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަނެ، ހަމަހަމަ އުސޫލެއްގައި އެކަމަށް ޚާއްސަ ރަޖިސްޓްރޭޝަން ޕޯޓަލްއަކާއި ނިޒާމެއްގެ ތެރެއިން ކަމަށެވެ.

މި ޖަލްސާގައި ވާޙަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވުމުގެ އެންމެ ބޮޑު ސަބަބަކީ އިޚްލާސްތެރި ވެރިކަމެއް ކޮށްދިނުން ކަމަށެވެ. ވެރިއަކަށްފަހު ވެރިއެއް ރައްޔިތުންނަށް ގައްދާރުވަމުންދާކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ހައްލު އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން