އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންނަ ރިޔާސީ ދައުރުގައި 5 މިލިއަން ޓޫރިސްޓުން ގެނައުމަށް ކަނޑައެޅުއްވި އަމާޒަށް އިނގިރޭސިވިލާތުގައި އުޅުއްވާ ދިވެހި ޕްރޮފެސަރެއްކަަމަށްވާ ހަސަން އުގައިލް ތާއީދުކުރައްވައިފިއެވެ.

ތ. ވިލުފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓުން އިތުރު ކުރަން، ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށެވެ.

ރައީސް ސާލިހުގެ ވާހަކައަށް ތާއީދުކުރައްވަމުން އުގައިލް ވިދާޅުވީ ރައީސްގެ 5 މިލިއަން ޓޫރިސްޓުންގެ އަމާޒު ރަނގަޅުކަމަށެވެ.

އުގައިލް ވިދާޅުވީ ގައުމުގެ ރައުސުލްމާލު ބޮޑުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް އަމާޒު ހިފަންޖެހޭކަމަށެވެ. އަދި އޭރުން ކުރިމަގުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލެވޭނެކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

"މިއަމާޒު ރަނގަޅު. އަޅުގަނޑުމެން އަމާޒުހިފަންވީ ގައުމުގެ ރައުސުލްމާލު ބޮޑުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް. އޭރުން ކުރިމަގުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލެވޭނީ،" އުގައިލް ވިދާޅުވިއެވެ.

ރައީސް ސާލިހު މިއަދު ވިދާޅުވީ، މި އަހަރު ނިމޭ އިރު 1.9 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގެ ތެރޭގައި އިގްތިސާދުގެ ސައިޒު 80 ބިލިއަން ރުފިޔާ އިން 170 ބިލިއަން ރުފިޔާ އަށް ބޮޑު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން