ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ޙަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލޭގައި ކުރިއަށްދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެވެ. އޭގެތެރޭގައި އެކަަކަށްވުރެ ގިނަ މީހުން ހިމެނޭ ގޮތަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭއިރު، އެއީ 9000އަށްވުރެ ގިނަ ބިމެވެ.

ޕްލޭނިންގ މިނިސްޓްރީން ވަނީ ގޯތި ލިބޭނެ ސަރަހައްދުތައް ކަނޑައެޅުމަށް މީގެކުރިން ގުރުއަތުލުން ބާއްވާފައެވެ. އަދި ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ހުޅުމާލޭގައި ކުރިއަށްދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ގޯއްޗާ ހަވާލުވުމަށާއި ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި ހައުސިންގ މިނިސްޓްރީގެ ފަރާތުން އަންގަމުން ގެންދާނެކަމަށެވެ.

މިނިސްޓްރީން ބުނީ ގޯއްޗާ ޙަވާލުވުމަށާއި ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ގެންނަންވާނެކަމަަށެވެ.

ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދޭނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން