މި ސަރުކާރަކީ ބަނގުރޫޓްވެފައިވާ ސަރުކާރެއް ނޫން ކަމަށާއި މިއީ ފުދުންތެރި ސަރުކާރެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ތ. އަތޮޅަށް މިހާރު ކުރަށްވާ ދަތުރުފުޅުގައި އެއަތޮޅު ކިނބިދޫއަށް ވަޑަައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، މި ސަރުކާރު އޮތީ ބަނގުރޫޓްވެފައި ނޫން ކަމަށާއި، މިއީ ފުދުންތެރި ސަރުކާރެއް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުގައި ފައިސާ ނެތް ކަމަށާއި ސަރުކާރު އޮތީ ބަނގުރޫޓް ވެފައި ކަމަށް ވިދާޅުވެ ބައެއް ރިޔާސީ ކެންޑިޑޭޓުން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ބަނގުރޫޓްވެފައި އޮތްކަމަށް ވިދާޅުވުމަށްފަހު ކެމްޕޭނަށް ބޮޑެތި ވައުދުތައް ވަމުންދާތީ އެކަމާއި މެދު އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ވިދާޅުވީ ކެންޑިޑޭޓުންނަށް ބޮޑެތި ވައުދުތައްވާން ކެރިވަޑައިގަންނަވަނީ ސަރުކާރުގައި ފައިސާ ހުންނާނެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.



"މިހާރު ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން ވެސް ހަމަ ކޮންމެ ރަށަކަށް އަރާވަަޑައިގެން ވައުދުތައް އެބަވޭ، އަނެއްކޮޅުން ބަނގުރޫޓްވެފައި އޮތް ސަރުކާރެއްގެ ވާހަކަ ދައްކަވަނީ، ފައިސާ އެއް ނެތޭ، 2025 ވަނަ އަހަރު ބަނގުރޫޓް ވާނެ އޭ 2026 ވަނަ އަހަރުވެސް ބަނގުރޫޓް ވާނެއޭ، އެހެން ނަމަވެސް ހަމަ ލިސްޓު ހިފައިގެން އަރައި ވައުދުތައް، ވައުދުތައް، މިއީ ސަރުކާރެއް ކުރާނެ ޚަރަދު ނޫންތޯ؟ ހަމަ ގައިމު ވެސް ފައިސާ ހުރިކަން އެނގިގެން ނޫންތޯ، ފައިސާ ލިބޭނެކަން އެގޭތީ ނޫންތޯ، އެބޭފުޅުން ވެސް އެވާހަކަ ދައްކަވަނީ އެހެން ނޫނީ އެ ހައްދަވަނީ އިތުރުފުޅެެއް. ތިބޭފުޅުން ވިސްނާވަޑައިގަންނަވަންވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މި ސަރުކާރުން ވައުދުވަނީ އެ ވައުދު ފުއްދަން ފައިސާ ހޯދާނެ ގޮތް އެނގިގެން ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިމާވި ދަތި އުނދަގޫ ހާލަތާއި ގުޅިގެން ލޯނު ނެގީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެެއްވުމަށް ކަމަށެވެ. އަދި އެފައިސާ ބޭންކުތަކަށް ދެެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފި ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވެގެން ހިގައިދާނެ ކަމަށް ވިދާޅުވެ އެ ފުރުސަތު ނުދެއްވަން ރައްޔިތުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެއަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން