އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މާޒީއިން ފެންނަނީ ކަންކަން ނުކޮށްދިން މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ތ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ހިރިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ޑރ. މުހައްމަދު މުއިއްޒުގެ މާޒީއިން ފެންނަނީ ރައްޔިތުންނަށް ކަންކަން ނުކޮށްދިން މަންޒަރު ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިޔަސް އެކަން ބަދަލުނުވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްލޭނިން މިނިސްޓަރަކަށް ހުންނަވައި ޕްރޮޖެކްޓުތައް ނުހިންގޭނެ ކަމަށް ވިދާޅުވާ ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކަންކަން ނުކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އެ ފަރާތްތަކުގެ ނެތް ކަމަށެވެ. އަދި އެބޭފުޅުންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުއިއްޒު ވަޒީރަކަށް ހުންނަވައިގެން ކަންކަން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް ޔާމިނަށް ލަފާ ދެއްވި ކަމަށެވެ. މުއިއްޒު ވެރިކަމަށް ނުކުމެވަޑައިގެން ވެރިކަން ލިބިއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅާއަށް ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ ދެން ކަންވެގެންދާނެ ގޮތް ތިޔަ ބޭފުޅުން ވިސްނަވާ. މިއިން ރަށެއްގައި ހިއްކާނެ ބިމެއް ނޯންނާނެ. ނުހިއްކޭނެއޭ ވިދާޅުވާނީ. ބަނދަރެއް ނުހެދޭނެއޭ ވިދާޅުވާނީ. ފެނާ ނަރުދަމާއެއް ނޭޅޭނެއޭ ވިދާޅުވާނީ. މިތަން ހަރުކަމުން ނުކޮނެވޭނެއޭ. ބަނދަރުގައި އޮތީ ގަލޭ، އެތަނެއް ނުނެގޭނެއޭ. ވިލެއް ފުނެއް ނުކުރެވޭނެއޭ. ހަމައެކަނި ކަންކުރެވެން އެބޭފުޅުންނަށް ފެންނަނީ އެންމެ ތަނެއް،" ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން