ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ ނޮވެމްބަރު 5ގެ ކުރިން އިން ވަކިކޮށް، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިއަދު ވަނީ މާލެ ސަަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދު ވަނީ ހުޅުމާލެއިން ގޯތިތައް ލިބުނު މީޙުންގެ ގޯތިތައް ވަކިކޮށް، ބައެއް ބޭފުޅުންނަށް ގޯތީގެ ރަޖިސްޓްރީވެސް ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބުނު ހުރިހާ މީހުންނަށް ނޮވެންބަރުމަހުގެ 5 ވަނަ ދުވަހުގެ ކުރިން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރާނެކަމަށެވެ. އަދި މިއަދުވެސް 30 ގޯތި ހަވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ސަރަހައްދުތަކުގައިވެސް ގޯތިތައް ކެނޑިގެންދާނެ. ރައީސްގެ ޕްރެޒިޑެންޝިއަލް އެޑްރެސްގައި ވިދާޅުވެފައި އޮތީ ސަރުކާރުގެ ދައުރު ހަމަކުރުމުގެ ކުރިން ތިމަންމަނިކުފާނު ގޯތި ކަނޑައި ރަޖިސްޓްރީ ދެއްވާނަމޭ. އެގޮތައް މިއަދު ގޯތި ކަނޑައި ރަޖިސްޓްރީ ދެވުނީމި އަޅުގަނޑުމެންނަށް." އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300އަށްވުރެ ގިނަ ގޯތި ދިނުމަށް ނިންމާފައިވެއެވެ.

މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެވެ. އޭގެތެރޭގައި އެކަަކަށްވުރެ ގިނަ މީހުން ހިމެނޭ ގޮތަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭއިރު، އެއީ 9000އަށްވުރެ ގިނަ ބިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން