ވެރިކަން ހޯދުމުގެ ބަދަލުގައި، ބައިބައިކުރަން ވެރިކަމަށް ކުރިމަތިލައިގެން ބަޔަކު އެބައުޅޭކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެ މިރޭ ތިމަރަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމުގެ މެނިފެސްޓޯއަކާއެކު، އެ މަގްސަދުގައި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެހެން ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލައިގެން އުޅެނީ ބައިބައިކޮށް، ޑީލްތައް ހެދުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދެ ވަނަ ބުރަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ބޭފުޅުންތަކެއް އެބަ ތިބި. ބޭނުންވަނީ ދެ ވަނަ ބުރުގައި ކޮންމެވެސް ބަޔަކާ ޑީލެއް ހަދައިގެން އަމިއްލަ ފައިދާތަކެއް ހޯދުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ގޮސްގެން ޑީލްތައް ހަދަން އުޅޭ ބޭފުޅުންނާއިމެދު ވިސްނަވަންޖެހޭ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް އެއްވެސް ފުރުސަތެއް ދެއްވައިގެން ނުވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ރިޔާސީ ދައުރުގައި ތިމަރަފުއްޓަށް ކޮށްދެއްވާނޭ ކަންކަމާއި މި ދައުރުގައި ކޮށްދެވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިދިޔަ ފަސްއަހަރު ތެރޭގައި ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ރަށްރަށަށް 170 އެމްބިއުލާންސް ފޮނުވާފައިވާ ކަމަށާއި 152 ރަށުގައި އިންޖީނުގެ އަޅަން ޖެހިފައިވާ ކަމަށާއި އަދި 125 އަށް ވުރެ ގިނަ ރަށުގެ ބަނދަރު ބޮޑު ކުރަން ޖެހުނުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގައި ބަޔަކު ވެރިކަންކުރިކަމަށާއި ނަމަވެސް ތަރައްގީގެ ވިސްނުމެއް އެ ފަރާތްތަކުގެ ކިބައިގައި ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން