ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ވާދަކުރެއްވުމުގެ އެންމެބޮޑު މަޤުސަދަކީ ރައްޔިތުންނަށް ހަމަޖެހިލާނެ ފުރުސަތެއް ހޯއްދަވައިދެއްވުންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އއ.ފެރިދޫގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ އަދިވެސް ރާއްޖޭގެ ރައްޔިތުން ތިބީ މުޅިން ހަމަޖެހިލެވޭފަދަ ޙާލަތެއް ނުލިބިކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް އުފާފާގަތިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅެވޭނެ ރާއްޖެއަކަށް މިރާއްޖެ ބަދަލުކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ރާއްޖޭގެ ދާޚިލީ ކަންކަން މިވޭތުވެދިޔަ މާޒީގައި އޮތްގޮތުގެ މައްޗަށް ބައްްލަވާލައްވާފައެވެ. އެގޮތުން 1965ގައި ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ޤައުމަކަށްވެ މަޝްހޫރުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ދާޚިލީގޮތުން ފަރުދުންނަށް ލިބެންޖެހޭ މިނިވަންކަމާއި ހަމަހަމަކަން ނެތްކަމަށާ، އަދި ސިޔާސީ މިނިވަންކަން ނެތުމުން، ރައްޔިތުން ދިރިއުޅެމުން އައީ ހަމަޖެހުމުގެ ފުރުސަތެއް ނެތް މާޙައުލެއްގައިކަން ޤާސިމް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ބަޣާވާތްކުރުމާއި ސިޔާސީ ވާހަކަދައްކާ މީހުން ހައްޔަރުކޮށް ބޮޑެތި އަދަބު ދިނުންފަދަ ކަންކަން އައީ ހިނގަމުންކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު މިއޮތް ޑިމޮކްރެޓިކް ނިޒާމު އައުމާހަމައަށް ދިވެހިން އުޅެންޖެހުނީ ދާޚިލީ އަޅުވެތިކަމެއްގެތެރޭގައިކަމަށް ޤާސިމް ސިފަކުރެއްވިއެވެ.

ދާޚީލީ އަޅުވެތިކަމުގެ ޙާލަތުން ރައްޔިތުން މިންޖުކުރުމަށް ކުރި މަސައްކްތުގެ އިސް ސަފުގައި އެމަނިކުފާނު މަސައްކަތްކުރެއްވިކަމަށާ، އެކަމަށްޓަކައި އެމަނިކުފާނު ވާނީ އެތައް މަސައްކަތެއް ކުރައްވާފައިކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ކުރެއްވި އެންމެބޮޑު މަސައްކަތަކީ ގާނޫނުއަސާސީ އެކުލަވާލައި، ހައްގުތައް ކަށަވަރުކޮށް މަލްޓިޕާޓީ ނިޒާމެއް ޤާއިމުކޮށް އެނިޒާމުގެ ދަށުން ރާއްޖޭގެ ވެރިން އިންތިހާބުކުރަން ފެށުމުން ކަމަށާ، ދިވެހިންނަށް ހިންދެމިލަން ފުރުޞަތު ލިބުނީ އެހިސާބުންކަމަށް ޤާސިމް ވިދާޅުވިއެވެ.

މިހާރު މިރާއްޖެ މިއޮތީ އަނެއްކާވެސް ނުރައްކާތެރި ޙާލަތެއްގައިކަމަށާ އެތައް މަސައްކަތަކުން ދިވެހިންނަށް ލިބިފައި މިއޮތް ހައްގުތައް ނިގުޅާގަންނަން ރާއްޖޭގެ ވެރިކަމަށް އައި ބައެއް ވެރިން މަސައްކަތްކޮށްފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ޤާސިމްވަނީ މިސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. މިސަރުކާރުންވަނީ ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިކަމަށާ، އިންޑިއާ ސިފައިން ގެނެސް، ގައުމުގެ ކަންކޮޅުގައި ވަޒަންވެރިކުރުވައި އެނޫނަސް ރާއްޖޭގެ އިސްތިޤުލާލަށް ނުރައްކާވާފަދަ އެތައްކަމެއް މިސަރުކާރުން ކުރައްވާފައިވަކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

އެހެންކަމުން އަނެއްކާވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ މިޙާލަތުން ސަލާމަތްކޮށް ހަމަޖެހިލުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް ނުކުންނެވީކަމަށް ޤާސިމް ވިދަޅުވިއެވެ. މިއީ ކުރިއްސުރެ ފައްޓަވާފައިވާ އިސްލާޙީ މަސައްކަތް ހުއްޓާނުލައްވައި ކުރިއަށް ގެންދަވަން ޖެހޭ ޙާލަތުކަމަށް ޤަބޫލުކުރައްވާކަމުގައި ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން