ރާއްޖޭގެ ވެރިޔަކަށް އަންނަ މީހަކީ ހަމައެކަނި އެމީހާގެ އަތުގައި ތަޢުލީމީގޮތުން މަތީ ސެޓިފިކެޓެއް އޮތް މީހަކަށް ވެގެން ފުއްދާލެވެން ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރައްވައި އިހަށްރޭ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވުމުގެގޮތުން ކަމަށް ބެލެވެއެވެ. ޑރ.އިޔާޒް ވިދާޅުވެފައިވަނީ ވެެރިޔަކަށް ހުންނަ ފަރާތަކީ ހަމައެކަނި ތަޢްލީމީ ގޮތުން މަތީ ސެޓްފިކެޓެއް އޮތް މީހަކަށްވެގެން ފުއްދައިލެވޭކަށް ނެތްކަމަށާ، އެއީ ތަފާތު ޚިޔާލުތަކުގެ މީހުންނާއިއެކު މަސައްކަތް ކުރަން އެނގޭ, މީހުން ގޮވައިގެން އުޅެން ދަންނަ މީހަކަށް ވާންޖެހެއެވެ.

އަދި 2008އިން ފެށިގެން ދިވެހިރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރެއްގައި ކޯލިޝަން ދަމަހައްޓައިގެން ދައުރު ހަމަކުރެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް އިޔާޒު ވިދާޅުވިއެވެ. ހަމައެކަނި އެސަބަބަށް ބެލިނަމަވެސް އެމަނިކުފާނަށް (ރައީސް ޞާލިހަށް) ދެވަނަ ދައުރެއް ދިނުން ޙައްޤުކަމަށް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.



އެންމެފަހުން ފުވައްމަލައް ސިޓީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން ބޮޑު ޖަލްސާގައި ބައިވެރިވަޑައިެގން ޑރ. ޝަހީމް ވަނީ ޑރ. މުޢިއްޒަށް ތާޢީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ސިޔާސީ ކަންކަކަމާ ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ވަޑައިގެން ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ޑރ.މުޢިއްޒަކީ ވިލާތުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެއްކަމަށާ، އެފަދަ ބޭފުޅަކު ރައީސް ޔާމީން އެންޑޯޒްކުރެއްވީމާ ދެން "ޗުކުުޗުކު ލައްވަން" ނުޖެހޭކަމަށެވެ.

ޑރ. މުޢިއްޒަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ޢިލްމީ ބޭފުޅާކަމަށާ، އެހެންކަމުން ޢިލްމީ ބޭފުޅުންނަށް ޤައުމުގެ އިސް މަޤާމުތަކުން ފުރުސަތު ދޭންޖެހޭކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން