ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ބަކަރި ހުއިހެއްޕުމާއި ބެހޭގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑޜ. މުހައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާޙަކައަށް ޝެއިހް ޙުސައިން ރަޝީދު އަޙްމަދު ރައްދު ދެއްވައިފިއެވެ.

ކެމްޕެއިން ޖަލްސާއެއްގައި ޑރ. ޝަހީމް ވިދާޅުވީ، "ބަކަރިހުއިހައްޕާ މީހުންނަށް އަހަރެމެން ވެރިކަންދޭން ނުޖެހޭ" ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ޝައިހް ޙުސައިން ވިދާޅުވީ ޑރ. ޝަހީމު ރިޔާސީ ރޭހުގެ ކެންޕޭނުގައި އެޖެއްސެވި މިސާލު ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން މީހަކު ދެރަކޮށްލުމަށް ދެރަ މަސައްކަތެއް އެމީހަކަށް ނިސްބަތް ކުރުމަކީ އެއިން ތިމާމީހާ މޮޅުވާ ކަމެއް ނޫންކަމަށާއި އަދި އެއީ ތިމާގެ އަގު ވެއްޓޭ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝައިހް ޙުސައިން ރަޝީދު ވިދާޅުވީ އާމްދަނީ ހޯދުމަށްޓަކައި ކުރާ އެއްވެސް މަސައްކަތަކީ ދެރަ މަސައްކަތެއް ނޫން ކަމަށެވެ. އަދި ބަކަރި ހުއި ހެއްޕެވުމަކީ ކީރިތި ރަސޫލާ (ޞއވ)ގެ ހަޔާތްޕުޅުގެ އެކި ދުވަސްވަރުގައި ކުރެއްވި މަސައްކަތެއްކަން ފާހަގަކުރައްވަމުން ޝައިހް ވިދާޅުވީ އެއިން އެނގިވަޑައިގަންނަވަނީ އެއްވެސް މަސައްކަތަކީ ދެރަ މަސައްކަތެއް ނޫންކަން ކަމަށެވެ.

"މިކަމުން އެކަލޭގެފާނު އަޅުގަނޑުމެންނަށް އުގަންނަވައި ދެއްވި ފިލާވަޅަކީ މަސައްކަތުގެ ތެރެއިން ކިތަންމެ ދެރަ މަސައްކަތެއްވެސް ކުރެވިދާނެ ކަމާއި އެއީ މީހާ ނިކަމެތިވާނެ ކަމެއް ނޫންކަމާއި އެކަމުން މީހާގެ އަގު އަރާކަމެއްކަން. މަސައްކަތްތަކަކީ އެކިއެކި ފަންތީގައި ވާ ކަންކަން. މިއީ އިންސާނާގެ ވިސްނުމާއި މުޖްތަމަޢުގެ އާދަކާދައިގެ ތެރެއިން އެކަންކަން އެބައިމީހުން ފަންތިތަކަށް ބަހާލައިގެން އެބައިމީހުން އެގޮތަށް ދެކޭ ކަންކަން. އެހެންކަމުން ކީރިތި ރަސޫލާ(ޞއވ) މިސާލަކަށް ދަށް މަސައްކަތެއް ކުރެއްވުމަކުން އެ މަސައްކަތް މަތިވެރި ކަމަކަށް ވާކަށް ލާޒިމުނުކުރޭ. އެއިން ދައްކުވައިދެނީ ރަސޫލާގެ ހިތްޕުޅު ތިރިކަން." ޝައިހް ޙުސައިން ވިދާޅުވިއެވެ.

ނަމަވެސް ހުސައިން ރަޝީދު ވިދާޅުވީ ޝަހީމަށް ރައްދު ދިނުމުގެ ގޮތުން އެކިފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެއްގޮތަކަށްވެސް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޢާންމުން ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން ޑރ. ޝަހީމް ވިދާޅުވީ އޭނާގެ މަގްޞަދަކީ ބަކަރި ހުއިހެއްޕުމަށް މަލާމާތްކުރުން ނޫންކަމަށެވެ. އަދި އެގޮތަށް މާނަކުރެވޭނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމު އެޖަލްސާގައި ވާހަކަ ދައްކަވަމުން ބަކަރި ހުއިހައްޕާ ބައެއް ކަމަށް ވިދާޅުވީ އިންޑިއާއަށް ނިސްބަތް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން