ގައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އެންމެ އަސާސީ ހިދްމަތްތަކުގެ އަގު ވަނީ ރައްޔިތުން އަތްނުފޯރާ މިންވަރަށް އުފުލި، އިޤްތީޞާދު ހީނަރުވެ ދަރަނި ބޮޑުވެ، ގައުމު އަނދަވަޅަކަށް ވެއްޓިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީއިން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އދ. މަންދޫއަށް ޒިޔާރަތްކުރައްވާ އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ގާސިމް ވިދާޅުވީ މިއީ ރައްޔިތުން ތެދުވެ މި އަނދަވަޅުން އަރާގަތުމަށް މަސައްކަތް ފަށަންޖެހޭ ދަނޑިވަޅު ކަމަށާއި އެކަން ކާމިޔާބުވާން އޮތީ އިޚުލާސްތެރި ވެރިއެއްގެ އަތުގައި ހިފައިގެން ކަމަށެވެ.



ގާސިމް އިތުރަށް ވިދާޅުވީ މިސަރުކާރުން ހެލްތު ސެކްޓަރ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ގޮތަކީ ބަޔަކު ހީހީ ބަލިވާނެ ކަމެއް ކަމަށާއި ބޮޑު މުސާރަ ލިބޭ މަގާމްތައް ކަމަށް ބުނި މަގާމްތަކުގައި މީހުން ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ވެރިކަންކުރުމުގެ ފާލުން ނެއްޓި ހޫރެން ފެށީމާ އަނގުރު އަލިފާނަށް ވެއްޓެންދެން ބަލަން ނުތިބެވޭނެ ކަމަށެވެ.

މީގެ އިތުރަށްވެސް، ގާސިމް ވިދާޅުވީ ރައްޔިތުންނަށް ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގެ އިތުރުން ކޮންމެ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން އެދޭ އެންމެ މުހިންމު 5 ކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.

މާޅޮހުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ ލޯލާރިއެއްގައިވެސް ނުޖެހި ވެރިކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާއި އަމިއްލަ މަސައްކަތުގެ ނަފާއިން ރައްޔިތުންނަށް މިހާތަނަށް ހޭދަކުރުމުގައި ދެމި ހުންނެވި ހަމައެކަނި ލީޑަރަކީ ގާސިމް ކަމަށެވެ.

ނިހާން ވިދާޅުވީ ގައުމަށް ބޭނުންވަނީ ގާސިމް ފަދަ ފާރަވެރިއެއް ކަމަށާއި ގައުމުގެ ހުރިހާ ކަމެއްގައި އެމަނިކުފާނު ޒިންމާ ނަންގަވާ އަމިއްލަ ފުޅަށް ބައްލަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން