ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެެސްއެމްއީ ލޯންތައް މައާފްކުރައްވަން އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިގަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ، ގާސިމް ވިދާޅުވީ މި ވެރިކަމުން ވަނީ ގާނޫނުއަސާސީއާއި ޚިލާފް އެތައް ކަމެއް ކޮށްފައި ކަމަށާއި ދީނާ ގައުމިއްޔަތާއި އިސްތިގްލާލު ވަނީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ. ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމަށާއި ތާރީޚުންވެސް ސާބިތުކޮށްދެނީ ބޭރު މީހުންނާއި ގުޅިގެން ގައުމަށް ގައްދާރުވާ ފަރާތްތަކުގެ ސަބަބުން ގައުމަށް ލިބުނު ނިކަމެތިކަން ކަމުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމަށް އިޤްތިޞާދީ ބޮޑު ބަދަލުތަކެއް ބޭނުންވާ ކަމަށާއި ކުދި ވިޔަފާރިތަކުގެ ދިރުން އިތުރު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދޭނަށް. އިގްތިޞާދަށް ދިރުން ގެނުވާ ސަރުކާރުން ގެންގުޅޭ، ވިޔަފާރިތަކަށް ދަތިކުރާ އުޞޫލުތައް ނައްތާލާނަށް." ގާސިމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ޕީޖީ ލީޑަރ އަލީ ހުސައިން ވިދާޅުވީ ގައުމުގެ މިއަދުގެ ޖީލަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަ ކަމަށެވެ.

"އަޅުގަނޑުމެން ހީކުރީ ހޮޅިންގެ ކިބައިން ސަލާމަތްވެއްޖެކަމަށް. އެކަމަކު އަޅުގަނޑުމެންގެ މި ޖީލަށްވެސް މިއޮތީ އެކަންކުރަންޖެހިފައި. އަޅުގަނޑުމެން ހީކުރީ ވޯރާ ވިޔަފާރިވެރިންގެ ކިބައިން ސަލާމަތްވެވިއްޖެކަމަށް. އެހެން ނަމަވެސް ލޯކަލްމާރުކޭޓުން ފެށިގެން ރިސޯޓުތަކާހަމައަށް، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު މިކޮންޓްރޯލް ކުރަނީ ބޭރުގެ ވިޔަފާރިވެރިން." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ގައުމު އަޅުވެތިކަމުން ސަލާމަތްކުރެވޭނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށާއި އެއީ ވެރިޔަކު އިހްތިޔާރުކުރުމުގައި އިޚްލާސްތެރި ވެރިޔަކު ހޮވުން ކަމަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު ގައުމަށް ގައްދާރުނުވެ ރައްޔިތުންގެ ޚިދުމަތުގައި ހުންނެވި ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން