މި ސަރުކާރަށް ދެވަނަ ފުރުޞަތެއް ނުލިބިއްޖެއްޔާ، ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ފަހަތަށް ސޮއްސާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ތ. މަޑިފުށްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ހުރަސްތަކާއި ގުޅިގެން ބައެއް މަޝްރޫޢުތައް އަވަހަށް، ބާރުމިނެއްގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ވައުދުތަކުގެ 90 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.

"ވީ ވައުދުތަކުގެ 90 ޕަސެންޓް މިއަދު މި ވަނީ މުޅިން ނޫނީ ނިމުމަކާ ހިސާބުގައި. މިއީ ރަނގަޅު އެޗީވްމަންޓެއް ކަމަށް ގަބޫލު ކުރެވޭ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ ކަމުން، މި ސަރުކާރަށް އިތުރު ދައުރެއް ލިބުން މުހިންމު ކަން ރައީސްގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.

"މިކަން ކުރިއަށް ގެންދެވޭނީ މި ސަރުކާރަށް ފުރުސަތު ދީގެން. ފަށާފައިވާ ކަންކަމާއި ކުރިޔަށް ރާވާފައިވާ ކަންކަމަކީ ލާމެހިފައިވާ ކަންކަން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން