ވެރިކަން ކުރާ ކޮންމެ ރައީސަކު ހިޔާނާތްތެރިވެގެން ޖަލަށް ދިއުމަކީ ސަގާފަތަކަށް ވެގެންނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ، ގާސިމް ވިދާޅުވީ ވެރިކަން ކުރާ ކޮންމެ ރައީސަކު ހިޔާނާތްތެރިވެގެން ޖަލަށް ދިއުމަކީ ސަގާފަތަކަށް ވެގެންނުވާނެ ކަމަށެވެ. ރައްޔިތުން ވެރިޔަކު ޚިޔާރުކުރާއިރު އިޚުލާސްތެރި މީހަކަށް ފުރުޞަތު ދޭންޖެހޭ ކަމަށާއި ރައްޔިތުންގެ ހައްޤުގައި އެގޮތުގައި ދެމިހުރި މީހަކަށް ފުރުޞަތު ދޭންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ އެމަނިކުފާނު ހުންނެވީ އަމާނާތްތެރިކަމާއެކު ގައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ބޮޑުފުޅަދޫގެ ރައްޔިތުންނާ މުހާތަބް ކުރައްވައި ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އަންނަ މީހެއްގެ ގައިގައި ހުންނަންޖެހޭ މުހިންމު ތިން ސިފައެއް ގާސިމް އިބްރާހީމް ކިބައިގައި ހިމެނޭ ކަމަށެވެ. އެގޮތުން އަމާނާތްތެރިކަމާއި ވެރިކަންކުރުމުގެ ގާބިލްކަމާއި، ރައްޔިތުންނަށް ޚިދްމަތްކުރުމުގެ ރަނގަޅު ރެކޯޑެއް ގާސިމްގެ ކިބައިގައި އެބަހުރި ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ރައްޔިތުންގެ ފައިސާގައި ނުޖެހުމާއި، ގައުމަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަމާއި ތަޖްރިބާ ހުރުމާއި، އަމިއްލަ އާމްދަނީން ރައްޔިތުންނަށް ހިދްމަތްކޮށް އެކަމުގައި ދެމިހުރުމަކީ ރައީސް ކަމަށް އެންމެ ގާބިލް މީހަކީ ގާސިމްކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

މީގެ އިތުރަށްވެސް، ޑރ. ވަހީދު ވިދާޅުވީ ގާސިމަށް ވެރިކަން ނުލިބުނަސް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް، ގައުމުގެ ޙާލަތު ބަދަލުކުރެވޭނެ ފަދަ ވެރިއަކު ގައުމަށް ނާންނަހާ ހިނދަކު ދިވެހިންނަށް މިއަދު ދިމާވެފައިވާ ޙާލަތު ބަދަލު ނުކުރެވުމުން ދިވެހިންނަށް ގެއްލުން ވާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން