ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް މާދަމާ ރަށްރަށަށް ފޮނުވަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗެކްކޮށް، ބަންދުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި އަތޮޅުތަކަށް ސެކިޔުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ވޯޓް ކަރުދާސް ފޮނުވަން ފަށާނީ މާދަމާކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ބުދަދުވަހު އެ ތަކެތި ފޮނުވަން ފައްޓަވާނޭކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން މި މަސައްކަތް ކުރިއަށްގެންދާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކުކަމަށެވެ. އަދި މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ޙަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއާ ކަމަށާއި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނީ، ސެޕްޓެންބަރުމަހުގެ 6 ވަނަ ދުވަހުކަމަށްވެސް އިލެކްޝަނުން ބުނެއެވެ.



ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އެކަންކަން ކުރިއަށްދާކަމަށްވެސް އިލެކްޝަންސްއިން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ރިޔާސީ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބެވެ. އެގޮތުން 8 ކެނޑިޑޭޓުން އިންތިހާބުގައި ވާދަކުރެއެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ.

ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން