1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ޙަމަލާގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި ޒުވާން ބަތަލު، ޝަހީދު ކޯޕަރަލް ޙުސައިން އާދަމްގެ ބައްޕާފުޅު އާދަމް މުޙައްމަދު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ، އާދަމް މުޙައްމަދު މިއަދު ނިޔާވީ ޢުމުރުފުޅުން 89 އަހަރުގައެވެ.

ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ނިޔާވި ޚަބަރު އެއްސެވީ ފުންހިތާމައާއެކު ކަމަށެވެ. އަދި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ރައީސް ޞާލިހު ދުޢާ ކުރަށްވާފައި ވެއެވެ.



ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ނިޔާވީ ހާލުކޮޅުދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް މުޙައްމަދު މިއަދު ނިޔާވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއްވަންދެން އުޅުއްވުމަށްފަހުއެވެ.

އާދަމް މުޙައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން