ރިޔާސީ އިންތިހާބަށް ނިކުމެ ހުންނެވީ "އަނގުރު އަލިފާނުގެ ތެރެއަށް ރައްޔިތުން ވެއްޓޭތީ" އެކަމުން ސަލާމަތްކުރަންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ މީގެ 60 ނުވަތަ ވިއްސަކަށް އަހަރު ކުރިއާއި އަޅާ ބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް ރާއްޖެއިން ފެނިގެން އެބަދޭކަމަށެވެ.

"މިއަދުވެސް އަޅުގަނޑަށް އެބަފެނޭ މިރަށުގެ ހުޅަނގުފަރާތުން މިރަށް ހިކިގެންދާ މަންޒަރާއި މިރަށް ހިއްކަމުންދާ މަންޒަރާއި ކުރިޔަށްދިޔުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ގާބިލްކަން ލިބުނީ، ޤައުމު ހިންގުމަށް ގެނެވުނު އިސްލާހުތަކާއި ވެރިކަމުގައި އުފެދުނު ވާދަވެރިކަމުގެ ސަބަބުންކަމަށެވެ. އަދި މިއަދު ރިޔާސީ އިންތިހާބަށް ނިކުންނެވީ ހޯދިފައިވާ ކުރިއެރުންތައް ފަހަތަށް ގޮސްދާނެތީކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެހެންވީމާ އެކަންތައްތައް ނެތިވެދާގޮތަށް، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ހުރިހާ ކަމެއް ގޮސް ހަލާކުވެ ހިނގައްޖެއްޔާ އަޅުގަނޑުމެން އެކަމާ ގިސްލައި ރޯންޖެހިދާނެތީ، އެކަން އަޅުގަނޑަށް ފެންނާތީ، އަނގުރު އަލިފާނުގެ ތެރެއަށް އަޅުގަޑުމެންގެ ރައްޔިތުން ވެއްޓޭތީ އެތަން ފެންނާތީ އެވާހަކަ ދައްކަން އަޅުގަނޑު މިއައީ." ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް

ގާސިމް ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގައި މިއަދު ނެތްކަމަށާއި، އަދި އެކަމުގެ ބޭނުމަކީ ވޯޓު ހޯދުންކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ސަރުކާރުން އެކި ނަންނަމުގައި ދީފައި ހުރި ލޯނުތައް މައާފްކޮށްދޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން