ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގައި އެމަނިކުފާނުގެ ހިއްސާ އޮންނާނެކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރަހީމްގެ ކެމްޕޭންގައި އއ. އަތޮަޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އޭނާއަކީވެސް ޤައުމަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، ނަމަވެސް އެކަން ދަންނަނީ ވަރަށް މަދު ބައެއްކަމަށެވެ.

ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ތަރައްޤީޢަށް މަސައްކަތްތަކެއް ކޮށްދެއްވާފައި ވާކަމަށާއި، އަދި ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއްވެސް ފައްޓަވާފައިވާނެ ކަމަށެވެ. އެގޮތުން ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގައި އެމަނިކުފާނުގެ ހިއްސާ އޮންނާނެކަމަށް ވަހީދު ވިދާޅުވިއެވެ.

"ބްރިޖް ހެދުމުގައިވެސް އަޅުގަނޑުގެ ހިއްސާ ނެތްކަމަކަށް ނުވާނެ. ހުޅުމާލޭ ދެވަނަ ފޭސް ހިއްކަން 59 މިލިޔަން ޑޮލަރަށް ހަވާލުކުރީ 2013 ވަނައަހަރުގެ ޖޫންމަހު ކަންދިމާވި ގޮތުން އޭރު ރައީސް އަކީ އަޅުގަނޑު." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސިޔާސީ މަސައްކަތާއި ދުރުގައި ހުންނަވާތީ އޭނާއާ ބެހޭގޮތުން ވާހަކަ ދައްކަވާނެ ބަޔަކު ނެތްކަމަށެވެ. މިއަދު އޭނާއާ ދިމާލަށް ކާޅަށް ބާޒަށް ގޮވިނަމަވެސް އޭނާއަށް ލިބުނު ދެ އަހަރު ތެރޭގައިވެސް ވަރަށް ގިނަ މަސައްކަތް ކޮށްދެއްވިކަމަށް ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން