ރާއްޖޭގެ ރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރިއަށް އޮތް ދައުރުގެ ތެރޭގައި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ހައްދުންމައްޗަށް ކުރަށްވާ ދަތުރުފުޅުގައި މިއަދު ހަވީރު ދަނބިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ އެ އަތޮޅުގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ. ރައީސް ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރުމަށް އަންނަ ދައުރުގެ ތެރޭގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށާއި، އެކަމަށް ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ބައެއް މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ޓޫރިޒަމް ތަރައްގީ ކުރުމަށް ދެ ފަހަރެއްގެ މަތިން ލ.އަތޮޅުގެ ތިން ރަށެއްް ބިޑަށް ލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



"މިހާތަނަށް ދެ ފަހަރެއްގެ މަތިން ދެތިން ރަށެއް ބިޑަށްލައި އޯޕަންކުރެވުނު، ނަމަވެސް އެއަށް ރަނގަޅު ރެންޕޮންސެއް ލިބިފައެއް ނެތް. އެހެން ނަމަވެސް އަލުން އަނެއްކާ އިތުރު ރަށްތަކެއް މި ދާއިރާގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލާނެ ވާހަކަ އަޅުގަނޑު ދަންނަވަން، އުއްމީދުކުރަނީ މި ދާއިރާއަށް ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓާއިން ސަމާލުކަމެއް ދީ އެކަމަށް އިންވެސްޓް ކުރާނެ ފަރާތްތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ ދައުރުގެ ތެރޭގައި ވެސް ދަނބިދޫއަށް ބޭނުންވާ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދަނބިދޫ ނެރު ފުންކުރާއިރު އެރަށުގެ ބަނދަރު ބޮޑުކޮށް އަޕްގުރޭޑް ކުރެވޭނެ ކަމަށާއި އެމަޝްރޫއުގެ ދަށުން ރަށުގެ ގިރާ ސަރަަހައްދު ހިމާޔަތް ކުރާނެ ކަމަށެވެ. އަދި ދަނބިދޫ ހެލްތު ސެންޓަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން