ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިހާބުވެ ވަޑައިގެންފިނަމަ ލ. އިސްދޫ ކައިރީގައި ރިސޯޓެއް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިސްދޫގެ ތަރައްގީއަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އިސްދޫގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގުމާއި، ޓުއަރިޒަމް ތަރައްގީކުރުމަށް ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލުމާއި ރައްޔިތުން ބޭނުންވާ ގޮތަށް އާޓިފިޝަލް ބީޗެއް ހަދައި، ތާރުނާޅައި ހުރި ހުރިހާ ބޮޑެތި މަގުތަކުގައި ތާރު އަޅާނެ ކަމަށެވެ. މީގެ އިތުރުން، ޒުވާނުން ބޭނުންވާ ގޮތަށް ވޮލީ ކޯޓަކާއި އިންޑޯ ބެޑްމިންޓަން ކޯޓެއްވެސް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިސްދޫ ކައިރީގައި ރިސޯޓެއް ތަރައްގީކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އިސްދޫގައި ޒަމާނީ ހޮސްޕިޓަލެއްވެސް ތަރައްގީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ސަރުކާރުން އިސްދޫއަށް މީގެކުރިންވެސް ތަރައްގީގެ ޕްލޭންތަކާއި ވައުދުތައް ހުށެހެޅިކަމަށެވެ. އަދި އެ މަސައްކަތްތައްވެސް ފުރިހަމަަވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން