އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްވުރެ މޮޅު ގޮތެެއް އިދިކޮޅު ޕީޕިއެމަށް ވެސް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.

ލ. ގަމުގައި ރޭ ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެެއް ދިނުމަށްވުރެ މޮޅު ގޮތެއް ރާއްޖެއަށް ނޯންނާނެ ކަމަށެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ވުރެ މޮޅުގޮތެއް އިދިކޮޅު ޕީޕިއެމަށް ވެސް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެނަމަ މިހާރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާނެ ކަމަށާއި މީގެ ކުރިން ވެސް އެކަން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެ ފުރުސަތު ނުދެއްވުމަށް އަސްލަމް ވަނީ ގޮވާލައްވާފައެވެ. އަސްލަމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕިއެމްގެ ކެންޑިޑޭޓެއް ވެސް ނެތް ކަމަށެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއްް ދިނުމަށްވުރެ މިގައުމަށް ފައިދާ ހުރި ގޮތެއް ނެތް، އަދި ޕީޕިއެމަކަށް ވެސް ނެތް ޕީޕިއެމް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިކަން ވާނީ މިހެން ކަން، އެބޭފުޅުންގެ ކެންޑިޑޭޓެއްް ނެތް. ޕީއެންސީގެ ކެންޑިޑޭޓެއް ހުރީ އެބޭފުޅުންގެ ކުލަ ބޭނުންކުރައްވަނީ އެއާ ދޭތެރޭގައި ރަނގަޅަށް ވިސްނާވަޑައިގެންފައި ވިސްނުންތެރި ބޭފުޅުން ގޮތެއް ނިިންމަވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ބައެއް ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިޔުމަށް ކަމަށެވެ. އަސްލަމް ވިދާޅުވީ މީގެ ކުރިން ދެވަނަ ބުރެއްގައި ކޯލިޝަން ހެދި ތިން ސަރުކާރުގެ ކޯލިޝަން ވެސް ރޫޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ޖެހެނީ ހާލަތެއް ދިމާވެގެން ކަމަށާއި، ދެވަނަ ބުރެއްގައި ކޯލިޝަން ހަދާ ބަޔަކާއި އެކު ރާއްޖެއަށް ހަމަޖެހުމެއް ނާންނަ ކަމަށެވެ. އަދި ދެވަނަ ބުރުގައި ހަދާ ކޯލިޝަން ދެމި ނޯއްނާނެ ކަމަށާއި އެ ކޯލިޝަން ވަރަށް ފަސޭހައިން ރޫޅިގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެއީ ފުރަތަމަ ބުރުން ނަތީޖާ އެެއް ނުނިކުތީމަ އެހާލަތުން އަރައިގަތުމަށްޓަކައި ހަދަން ޖެހޭ ކޯލިޝަނެެއް އެ ހަދަނީ. އެއީ ދެބައިމީހުންގެ މެދުގައި މަޝްވަރާކޮށްގެން ދެބައިމީހުން އެއްބަސްވެ އެއްގަލަކަށް އަރައިގެން ކުރާ ކަމެއް ނޫން، އެއީ މަޖުބޫރީ ހާލަތެއްގައި ކުރާ ކަމެއް. މަޖުބޫރީ ހާލަތުގައި ކުރާ ކައިވެނި ވެސް ރޫޅޭނެ ވަރަށް ފަސޭހައިން. މަޖުބޫރީ ހާލަތުގައި ހަދާ ކޯލިޝަން އަޅުގަނޑުމެންނަށް ފެނިއްޖެ، ދެ ފަހަރު ރޫޅިއްޖެ ބިރުވެރި ހާލަތެއްގެ ވާހަކަ މި ދައްކަނީ،" އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން