މަރިޔަމް ލަމްޙާ ރަޝީދު   29 އޯގަސްޓު 2023 - 12:54
އާއްމު ދިރިއުޅުމުގައި ތިބާ ދެރަކޮށް ތިބާގެ ހިތްމާރާލާ މީހުންނާއި ދިމާވާނެއެވެ. މިކަމުގެ ބަދަލުހިފުމުގެ ގޮތުން ބައެއްމީހުން މިފަދަ މީހުންނަށް ރައްދުދީ އެމީހުންނާ ދިމާލަށް ބަސްބުނެ، އެމީހުން ހިތުގައި ޖައްސައި ދެރަކޮށްލައެވެ. އަނެއްބަޔަކު އެމީހުން ނެތްތަންތަނުގައި އެމީހުންގެ ވާހަކަ ދައްކައި އެމީހުންގެ އަގު ވައްޓާލެވޭތޯ މަސައްކަތްކުރެއެވެ.

ދިވެހިންގެ ތެރޭގައި ގިނަ މީހުން މިކަމާއި ކުރިމަތި ލާގޮތަކީ މިދެގޮތުން ކުރެ އެއްގޮތް ޚިޔާރުކޮށްގެންނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު އަޅުގަނޑުމެންގެ މުޖުތަޢުގެ ކޮންމެ ފަރުދަކުވެސް މިފަދަ ކަންކަމާއި ކުރިމަތި ލާނެ ރީތިގޮތްތައް ދަސްކުރުމަކީ ނުހަނު ބޭނުންވެފައިވާ ކަމެކެވެ.

ރީތި ގޮތުގައި މުޢާމަލާތު ކުރުމާއި ބަދަލު ހިފުފުމުގެ ރޫހު ކަނޑުވާލުމަކީ އިންސާނީ ޠަބީޢަތުގެ ތެރެއިން މިހާރު ގެއްލެމުންދާ ކަމެއްކަމުން މިކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ދެނެގަނެ، އެގޮތުގެމަތީން ތިބާގެ ޢަމަލުތައް ބެހެއްޓުމުން އަމިއްލަ ޡަމީރަށްވެސް ގެއްލުންނުވެ އަނެކާއަށް ތިބާގެ އިހުސާސްތައް ވިސްނައިދެވޭނެއެވެ.

މިފަދަ ކަންކަމާއި ކުރިމަތިލުމަށް ތިރީގައި މިބަޔާންކުރާ ރަނގަޅު ގޮތްތައްކަށް ޢަމަލު ކުރާށެވެ.



1. ތެދުވެރިކަމާއިއެކު ބަސްބުނުން:

އެހެން މީހަކު ތިބާ ދެރަކޮށް ޖެއްސުންކުރާނަމަ އެންމެ ފުރަތަމަވެސް ތިބާ އެކަމެއް އޭނާއާއި ކުރިމަތިލައި އޭނާ އެހެން ކަންތައް ކުރުމުން ތިބާ ދެރަވާކަމަށް ސީދަލަށް އޭނާއަށް ހާމަކޮށްދީ ބުނެދޭށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ދެރަވަނީ ކީއްވެކަމާއި ތިބާއަށް އެކަމުން ކުރެވޭ އިހުސާސް ރަނގަޅަށް ވިސްނައިދޭށެވެ. މިހެން ކަންތައް ކޮށްފިނަމަ ތިބާއާއި މެދު ދެރަކޮށް ކަންތައް ކުރި މީހާއަށް އެކުރެވުނު ކަމަކާއިމެދު ވިސްނުމަށް ވަގުތުލިބި މާފަށް އެދުމަށާއި އެކަން އިސްލާހުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

2. މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރުން:

ތިބާ ދެރަކުރާ މީހާއާއި ކުރިމަތިލައި އޭނާއާއި މުޚާތަބުކުރާއިރު މަޑުމައިތިރިމާއި އޯގާތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޑު ގަދަކޮށް އަނެއް މީހާގެ މައްޗަށް އަޑު އުފުލާހެދުމުން މައްސަލަދާނީ އިތުރަށް ގޯސްވެގެންނެވެ. އެހެންކަމުން އެފަދަ މީހަކާއި ކުރިމަތިލާންވާނީ މަޑުމައިތިރިކަމާއިއެކު އޭނާއަށް ތިބާގެ ނަޒަރިއްޔާ ވިސްނައިދިނުމުގެ ނިޔަތުގައެވެ. އޭރުން އޭނާއަށް ފުރައްސާރަ ނުކުރާކަމާއި އޭނާއަށް ގެއްލުން ދިނުމުގެ ނިޔަތެއް ތިބާގެ ނެތްކަން އިހުސާސްކުރެވި، ތިބާ ދައްކާވާހަކަ އޭނާއަށް ވިސްނެން ފަސޭހަވާނެއެވެ.



3. އެމީހުންގެ ރައްދު އަޑުއެހުން:

އޭނާ ތިބާއާއިމެދު ކަންތައް ކުރިގޮތުގެ ވާހަކަ ކިޔައިދީ އެކަމާއި ގުޅިގެން ތިބާގެ އިހުސާސްތައް ހިއްސާކުރުމަށްފަހު އޭނާ ދައްކާވާހަކަތަކަށް ފުރުޞަތުދޭށެވެ. އަދި ކަނުލައި އަޑުއަހާށެވެ. އޭނާ ދައްކާވާހަކަތައް އަޑުއެހުމަކީ ދެމީހުންނަށްވެސް އެކަކު އަނެކަކެއްގެ އިހުސާސްތައް ހިއްސާކުރުމަށް ފުރުޞަތު ލިބޭނެކަމެކެވެ. އެހެންކަމުން އޭނާ ދައްކާ ވާހަކަތައް އަޑުއަހައި އޭނާގެ ވިސްނުން ހުރިގޮތްވެސް ދެނެގަންނާށެވެ.

4. ހައްލު ހޯދުން:

ތިބާއަށް ދެރަދީ ގެއްލުންދިން މީހަކާއި މުޢާމަލާތު ކުރާއިރު ކަމުގެ ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ދެފަރާތުން ހުސް ވާހަކަ ދެއްކުމަށްވުރެ ހައްލެއް ހޯދައި އެކަން ރަނގަޅު ގޮތަކަށް ނިންމާލުން މާރަނގަޅުވާނެއެވެ. މިގޮތުން މުސްތަޤުބަލުގައި އެފަދަކަންކަން ވިޔަނުދިނުމަށް ތިބާ އަނެކާގެ ފަރާތުން ނޭދޭ ކަންކަން ހިއްސާކޮށް ސާފުކޮށް ބުނެދިނުމާއި އުނދަގޫވާހަކަތައްވެސް ދެފަރާތުގައި ދެކެވެން ފުރުސަތު ދިނުމަކީ މިކަމަށް ހައްލުހޯދުމަށް ކުރެވިދާނެކަންކަމެވެ. މީގެ އިތުރުން ދެމީހުންގެ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަންވެސް ހޯދައި ދެމީހުންގެ މެދުގައި ރުޅިވެރިކަން ނައްތާލުމަށް މަސައްކަތް ކުރެވިދާނެއެވެ.

5. އަމިއްލަ ނަފްސަށް ވަގުތުދިނުން:

ހުރިހާ ކަމަކަށްފަހު އެންމެ މުހިންމު ކަމަކީ ތިބާ އަމިއްލަ ނަފްސަށް ވަގުތުދީ އެހެންމީހަކު ތިބާއަށް ގެއްލުންދީ ނިކަމެތި ކުރުމަކީ ތިބާގެ ކިބައިގައި މައްސަލައެއް ހުރެގެންވީ ކަމެއް ނޫންކަން ދެނެގަތުމެވެ. ހަމަމިއާއިއެކު ތިބާއަށް ޤަދަރުކުރާ ތިބާގެ އެކުވެރިންނާއި އާއިލާގެ މީހުންނާއިއެކު ވަގުތުހޭދަކުރުމާއި އަމިއްލަ ނަފްސަށް އިތުބާރު ލިބޭފަދަ އުފާވާ ކަންކަން ކުރުމަށް ވަގުތު ހޯދާށެވެ. އަދި އަމިއްލަ ންފްސުގެ ޤަދަރަކީ ތިބާގެ އަމިއްލަ އަތްމަތީގައި އޮތްއެއްޗެއްކަން ޤަބޫލުކުރާށެވެ.

މިގޮތަށް ކަންތައް ކުރުމުން ތިބާގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ރިވެތި ގޮތް ޚިޔާރުކޮށް ކަންކަމާއި ކުރިމަތިލެވޭނެއެވެ. އަދި ބޭކާރު ގޮތުގައި މީހުންނާއި ކުރެވޭ ޒުވާބުތަކާއި ރުޅިވެރިކަން ނައްތާލައި ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި ވަށައިގެން ދިރިއުޅޭ މީހުންނާއިއެކު ފައްސި މާހައުލެއް ބިނާކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން