ކިތަންމެ ކުޑަ ކުޑަ ކަމަކަށްވެސް ލޯނު ނަގަން ޖެހިފައިވާ ދަނޑިވަޅަކަށް ރާއްޖެ އަތުވެ، 'ލޯން ރާއްޖެ' އަކަށް ރާއްޖެ ބަދަލުވެއްޖެ ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިން މެނޭޖަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ބޭއްވި "ހާސްކަނޑާލާ، ހަމަޖެހޭނެ" ކެމްޕޭން ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން މިހާތަނަށް ރާއްޖެއަށް އެކި ސަރުކާރުތަކުގެ ވެރިކަން ގެނެސްދޭން އެހީތެރިވެދިންއިރުވެސް، ޒުވާނުން އުޅެންޖެހިފައިވަނީ މާލީ ގޮތުން ތާށި ޙާލުކޮޅުގައި ކަމަށެވެ.

"ލަވާޒާ ކޮފީއެއް ބޯލަންދާއިރު އެކައުންޓް އޮންނަނީ ސުމެއްގައި، ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ފޯނެއް ގަނެދެންޏާ ބޭންކް އޮފް މޯލްޑިވްސް ލުއި ލޯނެއް، އެކްސްޕްރެސް ލޯނެއް ނަގަން މި ޖެހެނީ. އަނބިމީހާއަށް އިންވެސްޓްމަންޓްއެއް ހޯދައިދެންޏާ އަނެއް ލޯނެއް ބޭންކް އޮފް މޯލްޑިވްސްއިން ނަގަން ޖެހެނީ. 'ލޯނު ރާއްޖެ'އަށް ބަދަލުވެފައި އަޅުގަނޑުގެ ޤައުމު މި އޮތީ" ތުޅާދޫ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ޢަލީ ވަހީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ މިއީ ގާސިމް ވެރިކަމަށް ގެނައުމަށްޓަކައި ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި މިއީ އަދުގެ ހަގީގަތް ކަން ވިސްނާ ކޮންމެ ރައްޔިތަކަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ކޮންމެ ބޭފުޅެއްގެ އެކައުންޓްގައިވެސް ހުރި ވަރު އެޕްއިން ބެއްލެވީމާ އޭގައި އަރަނީގެ ގޮތުގައި ތިން ލައްކަ ރުފިޔާ މިތަނުން ތިން މީހެއްގެ (އެކައުންޓް) ގައި ހުރިއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން. ނީންނާނެ. މިހެން މިވީ ކީއްވެތޯ؟ އެއް ރުފިޔާ ދެ ރުފިޔާއަށް ހަދަން ނޭނގޭ މީހަކު މި ޤައުމުގެ ވެރިކަމާއި ހަވާލުވީމާ." ޢަލީ ވަހީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތާއި މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ލިބުނު ނިކަމެތިކަމުގެ ވާހަކަ ރައްޔިތުންނަށް އެނގިތިބެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ނަގާ ވޯޓުގައި އެހެންގޮތަކަށް ނިންމައިފިނަމަ އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ނިކަމެތިކަން ވަޒަންނުކުރެވޭނެ ކަމަށެވެ.

ތުޅާދޫގެ ރައްޔިތުންނާއި މުޙާތަބްކުރައްވާ ކުރީގެ ރައީސް ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނު ގާސިމަށް ތާއީދު ކުރައްވަން ނިކުމެވަޑައިގެން ހުންނެވީ ގައުމުގެ ސިޔާދަތު ގެއްލުމާއި އިޤްތިޞާދު ހީނަރުވެ ދަރަނި ބޮޑުވަމުން ދިއުމާއެކު އެކަންކަމުން ގައުމު ސަލާމަތްކުރެއްވުމަށް ގާސިމް އިސްނަންގަވާ ކުރައްވާ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން