މި ސަރުކާރުން ފެށި އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ބާރުމިނަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅު އަލިފުށްޓަށް ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އަލިފުށީގައި އެއާޕޯޓް އެޅުމަކީ ޕީޕީއެމުން ގެންގުޅުނު ތަސައްވުރެއް ކަމަށެވެ. ކަންމިހެން އޮތުމާއިއެކު، މި ސަރުކާރަށް ދެވަނަ ދައުރެއް ނުލިބުނަސް، އަލިފުށީ އެއާޕޯޓްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މި ރަށުގެ (އަލިފުށީ) އެއާޕޯޓު މަޝްރޫއަކީ އެބޭފުޅުންނަށް ވުރެ ބޮޑަށް އަޅުގަނޑުމެން ތި ބޭފުޅުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަމެއް. މިހާރަށްވުރެ ފުރިހަމަކޮށް މިހާރަށް ވުރެ ބާރަށް ގެންގޮސް އިރާދަކުރެއްވިއްޔާ އެއާޕޯޓުގެ މަސައްކަތް ނިންމާ، އެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން." އަލިފުށީގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ޑރ. މުޢިއްޒު ވަނީ އަލިފުށްޓަށް ގެނެސްދޭން ބޭނުންވާ އެހެނިހެން ތަރައްގީގެ ޕްލޭންތައްވެސް ހިއްސާ ކުރައްވާފައެވެ.



އެގޮތުން، އަލިފުށީގައި ބޭންކް ބްރާންޗެއް ހުޅުވުމާއި، ފުޓްބޯޅަ ދަނޑަކާއިއެކު ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުމާއި، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ސިނާއީ މަސައްކަތްތައް ކުރުމަށް ބިން އިތުރުކުރުމުގެ ޚިޔާލުތައް ޑރ.މުޢިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ކުނި މެނޭޖް ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީ ޕީޕީއެމް ކޯލިޝަން ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ތައާރަފްކުރައްވާނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން