ކުރީގެ ސަރުކާރުތަކުން ނުކޮށް ހުރި ތަރައްޤީގެ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް ކަމަށެވެ. އަދި އެ މަސައްކަތް ބުރަވެފައި ވަނީ ކުރީގެ ސަރުކާރުތަކުން އެއްވެސް ވަރަކަށް ކުދި ރަށްރަށުގެ ތަރައްޤީއާމެދު އަޅާނުލާ އޮތުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހުށަހެޅި ގިނަ ވައުދުތައް މިއަދު ފުދިފައިވާކަމަށާއި، އަދި ނުނިމި ހުރި މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ކުރަމުންދަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތަދުއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުން ކުރިއަށްދާނެކަމަށާއި އެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކުރެވިފައިވާކަމަށެވެ. މީގެއިތުރުން ހިތަދޫ ކުނަހަންދޫ އޮންނަ ފަޅު ތެރޭގައި ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތަށް އެއަރޕޯޓެއްވެސް އަޅައިދެއްވާނެކަމަށެވެ.



ހިތަދޫއަށް ކޮށްދެއްވާނެ އެހެން ކަންކަމުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާ ޒަމާނީ ވޮލީކޯޓެއް އެޅުމާއި ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނަގަޅުކުރުންވެސް ހިމެނެއެވެ.

ރައީސް ޞާލިހު ލާމު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމުން އެމަނިކުފާނަށް ދަނީ ހޫނު މަރުހަބާއެއް ދަަންނަވަމުންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން