ސަންގުޓީވީ އިން އިންތިޒާމް ކުރާ ރިޔާސީ ބަހުސްގެ ދައުވަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގަބޫލުފުޅު ކުރަށްވައިފިއެވެ.

ސަންގުޓީވީ އިން ބުނީ، އެޗެނަލުން އިންތިޒާމްކުރާ "ސަންގު ބަހުސް"ގައި ބައިވެރިވެވަޑައިގަތުމަށް ދިން ދައުވަތު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގަބޫލުފުޅު ކުރަށްވާފައިވާ ކަމަށެވެ. އެ ބަހުސަކީ ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށް ގެންދާ ބަހުސެކެވެ.

ސަންގު ޓީވީން ކުރިއަށް ގެންދަން ނިންމާފައިވާ “ސަންގު ބަހުސް” ގައި ޕާޓްނާޝިޕް ހެދުމަށް ޕީއެސްއެމުން މިހާރު ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމި ބަހުސް ކެންސަލް ކުރުމަށްފަހުއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމުން ބުނީ އިންތިހާބާއި ގާތްވެފައިވުމުން ބަހުސްގެ ތާރީގު ފަހުގެ ތާރީހަކަށް ބަދަލުކުރުމުން ކެންޑިޑޭޓުންނަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ފެންނާތީ މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާއިއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ސަންގުޓީވީއިން އިންތިޒާމުކުރަމުންދާ ބަހުސްގައި ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޕީއެސްއެމުން ބުންޏެެވެ.

ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

މި ބަސްހުގެ ތެރެއިން ޓީމުތަކާއި ކެންޑިޑޭޓުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް އެއް ތަނަކުން، އެއް ޕްލެޓްފޯމަކުން ބައްދަލުވެ ވާދަވެރި ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަންގު ޓީވީ އިން ވަނީ ބުނެފައެވެ. އެ ބަހުސް ބާއްވާނެ ތާރިޚެއް އެ ޗެނަލުން އަދި ހާމަ އެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން