ކުރިއަށް އޮތް 5 އަހަރު ރާއްޖެ ގެންދާނީ ޑިމޮކްރަސީއަށްތޯ ނުވަތަ ޑިކްޓޭޓަރޝިޕަކަށް ދާނީތޯ 9 ސެޕްޓެމްބަރުގައި ނިންމާނީ ރައްޔިތުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ މީގެކުރިން އޮތް ޕީޕީއެމްގެ ސަރުކާރުގައި ހިނގި ހުދުމުހުތާރު ވެރިކަން ރައްޔިތުންނަށް ފެނިފައިވާއިރު، އެފަދަ ވެރިކަމެއް އަލުން ގެންނަން ރައްޔިތުންެ ބޭނުންވާނެތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ހުދުމުހުތާރު ވެރިކަމެއް ގެނެސްގެންތޯވެސް ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވީ ގައުމުގެ ކަންކަން ވަރަށް ހައްސާސްކޮށް އޮތް ވަގުތެއްގައިކަމަށެވެ. އަދި އޭރު ޑިމޮކްރަސީވެސް އޮތީ ނުރައްކަލުގެ ތެރޭގައިކަމަށާއި، ނަމަވެސް ރައީސް ސާލިހު އެކަންކަމަށް ހެޔޮ ބަދަލު ގެންނެވިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ސާލިހު ގެންނެވި ކުރިއެރުންތަކާއެކު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަންވެސް ވަރަށް ބޮޑަށް ކުރިއަރައި، ގިނަ މީޑިއާތަކެއް ރާއްޖޭގައި ވުޖޫދުވެފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ 2008 ވަނަ އަހަރުވެސް ބަދަލެއް ގެނައީ ރައްޔިތުންެ ބޮޑު އުއްމީދުތަކެއް ކޮށްގެންކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވި ބޭފުޅާއަށް ގައުމުގެ ކަންކަން ހަމައަކަށް ނޭޅުވުމުން ވެރިކަން ވެއްޓި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަކީވެސް ރައްޔިތުންނަށް އިތުރު ފުރުސަތެއް ދޭނެ އިންތިހާބެއްކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައިގެން ތަރައްގީގެ މަގުން ގައުމު ކުރިއަށްގެންދިއުމަށް 9 ސެޕްޓެމްބަރުގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން