ރިޔާސީ އިންތިހާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމުވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިހާބެއް ނޫން ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިމާމުވެ ބަޔަކާއިއެކު ނަމާދުކުރައްވާތަން ފެންނަ ފޮޓޯ އެއް ޓުވީޓާގައި ހިއްސާކުރައްވަމުންނެެވެ. އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުޙައްމަދު އިޔާޒު ވިދާޅުވީ، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށެވެ. އަދި އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުގެ ހުންގާނު ޙަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިޚާބެއް ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

"ނަމާދުގެ އިމާމްގެ ކިބައިގާ ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް. ޤައުމުގެ ހުންގާނު ޙަވާލުކުރަންވާނީ ތިމާ އާއި ޚިޔާލުތަފާތުވާ މީހުންވެސް އެކަހެރިނުކޮށް ގޮވައިގެން އުޅެން ދަންނަފަދަ ބޭފުޅަކާ، މިގޮތުން ބަލާއިރު މިކަަމަށް އެންމެ ގާބިލް ބޭފުޅެއް ކަމަށް ފެންނަނީ ރައީސް ސޯލިހް،" ރާއްޖޭގައި އުފެދުނު ތަފްސީރު އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.އިޔާޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ޑރ. އިޔާޒު ވިދާޅުވީ އިމާމްވެ ނަމާދު ކުރަން ޖެހޭނީ އެޖަމާޢަތަކަށް ޙާޟިރުވެހުރި އެންމެ ބޮޑަށް ޤުރްއާން ހިތުދަސް، އަދި ނަމާދުގެ ފިޤްހީ މައްސަލަތައް އެންމެ ބޮޑަށް ދަންނަމީހެއް ކަމަށެވެ. އަދި އެއީ ވަކި ދުވަސްވަރެއްގައި ފޮޓޯ ނަގަން ކުރާކަމަކަށް ވެގެން ނުވާނެ ކަމަށާއި ނޫންނަމަ މާޢޫން ސޫރަތުގައި އެވާ ވަޢީދުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން