އަހުމަދު މަސްނޫމް   30 އޯގަސްޓު 2023 - 3:6
މަކަރާއި ޙީލަތް ހެދުމާއި މަނީ ލޯންޑަރިންގާއި އަދި އެ ބާވަތުގެ އެހެނިހެން ތަފާތު 23 ދައުވާއެއް ރައްދުވާ މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަރޕޯލް ރެޑްނޯޓިސް ނެރެފިއެވެ.

ޝިފާޢުއަކީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި އެ ހުށަހަޅައިގެން އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ މީހެއްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރުކުރިނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އޭނާ ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި މިވަނީ ޝިފާއު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހައިކޯޓުން އަންގާފައިވަނިކޮށެވެ.

ޕީޖީ އޮފީހުން މިއަހަރުގެ އޭޕްރީލްމަހު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ ދައުވާތައް އުފުލާފައެވެ. ޕީޖީ އޮފީހުން ބުނާގޮތުން މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ވަނީ ހަދާފައެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123844 އެމެރިކާ ޑޮލަރެވެ. އަދި މި ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް ދައުވާގައި ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން