ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާޅު މިއަދު އޮތީ ލޯނެއްގެ ދަށުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބ. އޭދަފުށީގައި ބޭއްވި "ހާސްކަނޑާލާ، ހަމަޖެހޭނެ" ކެމްޕޭން ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޑރ. އަމީން ވިދާޅުވީ ރާއްޖޭގައި ދަރަނީގެ ޙާލަތު ގޯސް ވަމުން ގޮސް، މިއަދު ރާއްޖެ މި އޮތީ އެހެން ފަރާތްތަކަށް ބަރޯސާވެ، އަމިއްލަ ބިމުގައި ބީރައްޓެހި ވެފައި ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކަންބޮޑުވުމާއިއެކު ފާހަގަކުރާ ކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު. މީގެ ކުރިއަކުން މިފަދަ ވާހަކައެއް ނުދައްކަން. މިއަދު ކުދި ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަތަކުން ގޮސް މުޅި އިގްތިސާދީ ދާއިރާ (ރާއްޖެއިން ބޭރުން) ކޮންޓްރޯލްކޮށްފި. މިނިވަންކަމާއި އިސްތިގުލާލު އޮތީ ލޯނެއްގެ ދަށުގައި." ޑރ. އަމީން ވިދާޅުވިއެވެ.

ޑރ. އަމީން ވިދާޅުވީ ގާސިމަކީ ރާއްޖެއިން ބޭރުގެ ވިޔަފާރީގެ އަދި ފައިނޭންޝަލް ފަރާތްތަކާއިވެސް މުއާމަލާތްކޮށް، ނެގޯޝިއޭޓް ކުރުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އަމިއްލަ ވިޔަފާރި ކޮޅަށްނަގާ ޖަހައިގެން، ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރި ކުރުމުގެ ތަޖްރިބާ ގާސިމްގެ ކިބައިގައި އެބަހުރި ކަމަށެވެ. މިފަދަ ތަޖުރިބާއަކީ މިވަގުތު ރާއްޖެ އޮތް ޙާލަތުން ސަލާމަތް ވުމަށް ފައިދާހުރި ކަމެއްގެ ގޮތުގައި ޑރ. އަމީން ފާހަގަކުރެއްވިއެވެ.

ޑރ. އަމީން ވިދާޅުވީ ގައުމު މިވަނީ ލޯނަކަށް ވިއްކާލާފައި ކަމަށާއި ޤައުމު މިއަދުގެ ހާލަތުން ސަލާމަތްކުރެވޭނީ ގާބިލް ފަރާތަކަށް ކަމަށެވެ. އަދި ނަތީޖާ ދައްކާދީފައިވާ ފަރާތެއްގެ ގޮތުގައި މިވަގުތު ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދީނާއި މިނިވަންކަމުގެ ހައްގުގައި، އިޤްތިޞާދާއި ރައްޔިތުންގެ ހައްޤުގައި ކެންޑިޑޭޓް ނަންބަރު 5އަށް ވޯޓުލުމަށް އަމީން އެދިވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން