ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

އެގޮތުން، ރޭ ފަތިހުން ފެށިގެން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުންނެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ފުރާނީ މި މަހު 31 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.



ފުލުހުން ބުނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ.



ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް" ގެ ކޮމާންޑަރުން ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އޮޕަރޭޝަން ކޮމާންޑަރަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ހަމަޖައްސާފައިވާއިރު ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން