މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 13:00އިން ފެށިގެން ހަވީރު 17:00އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ، އެ ވަގުތުގެ ތެރޭގައި މާލެ އަތޮޅުން ފެށިގެން އައްޑު ސިޓީއާ ދެމެދުގެ އެކި ހިސާބުތަކަށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މި ދުވަސްވަރު ގަދަވުމުގެ އިތުރަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށް އޮތް ދެ ދުވަސް ތެރޭގައިވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން