ގޯތި ލިބުނު މީހުންގެ ތެރެއިން ބަންޑާރަ ގޯތި އޮތް މީހުން ގޯތި ދޫކޮށްލަން އޮންނަ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.

ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާރުވެސް ބަންޑާރަ ގޯއްޗެއް އޮތް މީހުން، އެ މީހުންނަށް ލިބިފައިވާ ގޯތި ދޫކޮށްލަންޖެހެއެވެ. އެގޮތުން އެކަމަށް ކުރިން ދީފައި އޮތީ 3 މަސް ދުވަހުގެ މުއްދަތެކެވެ.

އެކަމަށް ދީފައިވާ މުއްދަތު ކުޑަވުމުން އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތަށް ސަރުކާރުން ބަދަލު ގެންނެވުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު ހަމަޖައްސަވާފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށްކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެއްބަސްވުމަށް ބަދަލު ގެނެސް އައު އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބިވަޑައިގަތް ފަރާތްތަކަށް ފެނިވަޑައިގަންނަވާނެކަމަށެވެ.



މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެވެ. އޭގެތެރޭގައި އެކަަކަށްވުރެ ގިނަ މީހުން ހިމެނޭ ގޮތަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭއިރު، އެއީ 9000އަށްވުރެ ގިނަ ބިމެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300އަށްވުރެ ގިނަ ގޯތި ދިނުމަށް ނިންމާފައިވެއެވެ.

މިހާރު ސަރުކާރުން ވަނީ ގޯތި ހަވާލުކޮށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން