އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުކުރުމުގެ ޤައުމީ ނިޒާމް، އާރުޓީއެލްއިން ގުޅާލެވޭނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން، އެ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ އެމްޑީޕީގެ ސިޔާސަތެއް އަދި ތަސައްވުރެއް ކަމަށެވެ. އަދި މީގެކުރިންވެސް އެމްޑީޕީގެ ސަރުކާރުން އެ މަސައްކަތް ފެށިކަމަށާއި، ނަމަވެސް ދެން ވެރިކަމާއި ހަވާލުވި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެހެން ސަރުކާރުތަކުން ދަތުރުފަތުރުކުރުމުގެ ނިޒާމް ހަރުދަނާކުރެއްވިނަމަ މިއަދު ރާއްޖެ އޮންނާނީ މިއަށްވުރެ މާބޮޑަށް ތަރައްޤީވެފައި ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން އެކަންކޮށްފައި ނެތުމުން މިއަދު ސަރުކާރުން އެ މަސައްކަތް އަލުން ފަށައި، ވަރަށް ބޮޑަށް ކުރިއަށްގެންގޮސްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި ވަނީ މިހާތަނަށް އާރުޓީއެލް މެދުވެރިކޮށް ދަތުރުކޮށްފައިވާ މީހުންގެ ބައެއް ތަފާސް ހިސާބުތަކަށްވެސް ބައްލަވާލައްވާފައެވެ.

"ހއ. ހދ.ގައި 1 އަހަރުވީއިރު 322238 މީހުން ޖުލައިމަހާއި ހަމައަށް ދަތުރުކޮށްފި. 103026 މީހުން ކުޅުދުއްފުށްޓަށް ގޮސްފި.

28654 މީހުން ހަނިމާދޫއަށް، 270067 މީހުން ދިއްދޫއަށް އަދި 19256 މީހުން ފޮނަދޫއަށް ދަތުރުކޮށްފި." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ތިނަދޫއަށް ފެއްޓިފަހުން މިވީ 1 މަސް ދުވަހުގެ ތެރޭގައި 2896 މީހުން އަދި މުޅި ހުވަދޫ އަތޮޅަށް ބަލާއިރު 10836 މީހުން ދަތުރުކޮށްފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ އާރުޓީއެލްގެ ސަބަބުން ކުރިން ބާކީވެފައި ހުރި ރަށްތަކަށް މިއަދު ދަތުރުތައް ކުރެވި، އެ ރަށްރަށުގެ މީހުންނަށް ފުރުސަތުތައް ހުޅުވިފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުކުރުމުގެ ޤައުމީ ނިޒާމުން ގުޅާލާނެކަމަށެވެ. އަދި އެކަންކުރުމުގައި ގެންގުޅޭ ތަސައްވުރާއި ތަރައްޤީއަކީ އެހެން ބަޔަކަށް ދެން ހުއްޓުވޭނެ ކަމެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މިއަދު އެއް އަތޮޅުން އަނެއް އަތޮޅަށް ޗުއްޓީއަށްވެސް އެބަ ދަތުރުކޮށްލާ މިއަދު. މިއަދު ލަންކާއަށް ނުވަތަ އިންޑިއާއަށް ދާންޖެހޭ ސަބަބެއް ނެތް ޗުއްޓީއަށް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް ހުއްޓާލާ މަންޒަރު ދެކޭކަށް ބޭނުމެއް ނޫންކަމަށާއި މި ފިކުރު ނެތް ބަޔަކަށް މި ތަސައްވުރު ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި މިއީ ސަރުކާރަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި މިއީ ރައްޔިތުންނަށް ހިދުމަތެއް ދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން