ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ އެކަން އިޢުލާން ކުރަށްވައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވީ މިރޭ އެރަށުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައެވެ.

"ތިނަދޫއަކީ ރާއްޖޭގެ 5 ވަނަ ސިޓީ" ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވިކަން އިއުލާންކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ލިޔުންތައް އެލްޖީއޭއިން ބެއްލެވުމަށްފަހު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ލަފާ ދެއްވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވުމުގެ ޤަރާރުގައި މިއަދު މާލޭގައި ސޮއިކޮށްފައިވާކަމަށެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ޕްރައިމަރީގައި ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިރޭ ބުނެފައި ވަނީ ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވެނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން