ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ކަމެއްކޮށްދެއްވާނަމޭ ވިދާޅުވެއްޖެނަމަ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށް އެމްޓީސީސީގެ ސީއީއޯ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް، މުޅި ރާއްޖެއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރުމުގޮތުން މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް ސޯލިހް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވަމުން ގެންދަވާކަމީ އެއްވެސް ޝައްކެއް ނެތްކަމެއްކަމަށެވެ. އަދި މިކަމަށް ޝައްކުކުރާނެ އެއްވެސް ރައްޔިތަކު ދިވެހިރާއްޖެއަކު ނުހުންނާނެކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

"މަނިކުފާނު ރައްޔިތުންނަށް ކަމެއްކޮށްދެއްވާނަމޭ ވިދާޅުވެއްޖެތަ، އެކަމެއް ކޮށްދެއްވާނެ. އެކަމަށް ޝައްކުކުރާނޭ ރައްޔިތަކު މިއަދު ދިވެހިރާއްޖެއަކު ނުހުންނާނެ،" އާޒިމް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އާޒިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް، ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރެއްކަމަށާއި، އަދި މިއީ ރައްޔިތުންނަށް ވާ ވައުދު ފުއްދައިދޭކަމުގެ ހަގީގަތެއްކަން ފާހަގަކުރަށްވާފައެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ޚިދުމަތުން މުޅިރާއްޖެ ގުޅާލުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައި، ފިޔަވަހިތަކަކަށް ބަހާލައިގެން އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން މިހާތަނަށް، ޒޯން 1 ގައި ހިމެނޭ، ހއ.، ހދ.، އަދި ށ. އަތޮޅުގަޔާއި، ޒޯން 2ގައި ހިމެނޭ، ޅ. އަތޮޅުގަޔާއި، ޒޯން 6 ގައި ހިމެނޭ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި، އާރް.ޓީ.އެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. އާރް.ޓީ.އެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ޙަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތާއި އެކު ދަތުރަށް ހޭދަކުރަންޖެހޭ ވަގުތު އެތައްގުނައެއް ކުޑަވެގެން ދިޔުމާއި އެކު، ވިޔަފާރިއާ އިޖުތިމާއީ ގުޅުންތައް ބަދަހިވެ އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެއެވެ. މިބޮޑު ބަދަލާއި ފަސޭހައާ، ހުވަދު އަތޮޅުގެ ރަށްތައް އަމުނައި ގަތައި ގުޅާލެވިގެންދާ އާރް.ޓީއެލް. ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރުމުގެ ގޮތުން ހުވަދުގެ އަރޮޅުގެ ކޮންމެ ރަށަކުން ފަރިވަޅެއްވެސް ވަނީ އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން