ށ. މިލަންދޫއާއި ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އިތުރު ޝިޕްމަންޓްތައް ޕްރޮޖެކްޓް ސައިޓަށް ގެންދެވިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާއިރު ށ. ޅައިމަގު ބަނދަރު ހަދަން ބޮޑު ހިލައިގެ ފަސް ވަނަ ޝިޕްމަންޓް އެ ރަށަށް ގެންދެވިއްޖެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނ މިހާރު ޅައިމަގު ސައިޓްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެއްވުމެވެ. އެގޮތުން ށ. މިލަންދޫ އާއި ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނީ މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 8400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެެރު ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނޭ ކަމަށެވެ.

މީގެ އިތުރަށްވެސް، 2 ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 76.44 މިލިއަން ރުފިޔާގެ އަގަކަށް ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ށ.ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 14,412 މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 6000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 414 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރަށްވެސް، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، 2,291 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއަކީ 60.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން