ރައީސް ޞާލިޙަކީ އިދިކޮޅުގެ ފަރާތުން އަމާޒުވާ ހުތުރު ބަސްތަަކަށް ރައްދު ނުދެއްވާ ސާބިތުކަން މަތީ ދެމިހުންނަވާ ކެތްތެރި ބޭފުޅެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ޙަސަން ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ ގައި ތިނަދޫ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ޒިފްލީން ވިދާޅުވީ ރައީސް ޞާލިޙަކީ އޯގާތެރި އަދި ކެތްތެރި ޝަހްސިއްޔަތެއް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނާއި ދިމާއަށް އިދިކޮޅުން ޙައްޤު ނޫން އެތަކެއް ބަސްތަކުން ފާޑުކިޔަސް، އެ މަނިކުފާނުގެ ޝަހްސުގެ ހަރުދަނާކަމުން އެއިން ބޭފުޅަކަށް ރައްދު ނުދެއްވަވާ ކަމަށެވެ.

"އެމަނިކުފާނަކީ ކެތްތެރި އޯގާތެރި ސާބިތު ބޭފުޅެއް. އިދިކޮޅު ވާދަވެރިން ހައްގު ނޫން ތުހުމަތުކޮށް ހުތުރު ބަސްތަކުން މުހާތަބުކޮށް ކިތަންމެ ވަރަކަށް އެވާހަކަތައް ތަކުރާރުކުރިއަސް އެބަސްތަކަށް އެމަނިކުފާނު ރައްދެއް ނުދެއްވާ. އެއީ އެމަނިކުފާނުގެ ޝަހުސިއްޔަތުގެ ހަރުދަނާކަން. މުސްކުޅިން ބުނޭ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއޭ،" ޒިފްލީން ވިދާޅުވިއެވެ.

ޒިފްލީން ވިދާޅުވީ ރައީސްގެ ގާބިލް ކަމާއި ދޭތެރޭ ބަޔަކު މީހުން ސުވާލު އުފައްދާއިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖްލީހުގެ އިސްލާހީ މަސައްކަތްތަކުގައި ރަސްމީ ސިފައެއްގައި ކުރިއަށްދާ މަޝްވަރާތަކުގެ ވަފުދުތަކުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ކަންތައްތަކުގައި މަޝްވަރާކުރައްވަން އެމްޑީޕީ ތަމްސީލުކުރެއްވި ލީޑަރަކަށްވެހުރެ، ވާދަވެރި ހަލަބޮލި ސިޔާސީ މަސްރަހުތަކުގައި ރައީސް ޞާލިހާއި އެއް މަޝްވަރާގެ މޭޒަކުން ބައްދަލުނުކުރައްވާ ސިޔާސީ ލީޑަރެއްް ނުހުންނަވާނެ ކަމަށް ޒިފްލީން ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއިއެކު، ރައީސް ޞާލިހު ވަނީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށްވެސް ޒިފްލީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން