ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު ދިވެހި ކޮންމެ ބިމެއްވެސް ދިވެހިންނަށް ހިލޭދިނުމަށް ދެކޮޅު ނުހައްދަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދު ކުރެއްވި ޓްވީޓެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މުހިންމު ގިނަ ސިޔާސަތުތަކެއް އެކަށައަޅުއްވާފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމާމެދު ދެކޮޅު ނުހައްދަވާނެކަމަށް ޤާސިމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އަދި ކުރީގެ ހުރިހާ ސަރުކާރަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދެއްވާނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

ޤާސިމްގެ ވާހަކައިގަ ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ބިންތައް ވަކި ބަޔަކަށް ދޭ މައްސަލައާއި، އަދި ހަމަ އެބިމުގައި ޢިމާރާތްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން އެތައް މިލިއަން ރުފިޔާއެއް ނަގާ މައްސަލައާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ޤާސިމް އަމީން 2023، މެނިފެސްޓޯގައިވާ މުހިންމު ވަޢުދުތަކުގެތެރޭގައި ކަށަވަރު ބޯހިޔާވަހިކަމުގެ ދަށުން މުހިންމު ގިނަ ވަޢުދުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިޔާސީ ދައުރުގައި 30،000 ހައުސިން ޔުނިޓު ހަދައި ބޯހިޔާވަހިކަން ބޭނުންވެ، ނުލިބިތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިހާރު ޢާންމުންނަށް ދީފައިވާ ހައުސިން ޔުނިޓުތަކުގެތެރެއިން ހިޔާ ފްލެޓުތަކާއި ފުލުހުންނާއި ސިފައިންގެ ފްލެޓުފަދަ އެންމެހައި ސޯޝަލް ހައުސިންގެ ކުލިތައް މަޢާފްކޮށްދެއްވާނެކަމަށް ޤާސިމްވަނީ ވައުދުވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން