ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އަރބަންކޯއިން ޔޫތް މިނިސްޓްރީ އާއިއެކު ސޮއިކޮށްފިއެވެ.

އަރބަންކޯއިން ބުނީ މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް 2 ގައި ކަމަށެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިފައި ވެއެވެ.

މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ އަހްމަދް އާތިފްއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަޙްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާފައި ވާހަކަ ދައްކަވަމުން އަރބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ވަނީ "ހުޅުމާލޭގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިންޓަރނޭޝަނަލް ސްޓޭންޑަރޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި،" ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯރޓްސްއަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމުގައި އަރބަންކޯއިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން