ދިރިއުޅެނީ ކޮންރަށެއްގައިތޯ ނުބަލައި އެފަރުދަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ މުހިންމު އަސާސެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫގައި މިއަދު ކުރިއަށްދިޔަ އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކޮށްދިނުމާއި ރަށުގެ އުމްރާނީ ތަރައްގީއާއި މުޅި ރާއްޖެއަށް އިސްލާޙު ގެނައުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ދައުރު ވަރަށް މުހިންމުކަމަށެވެ. އެގޮތުން ފާހަގަވާ ބޭނުންތައް ފުއްދައިދިނުމުގައި ދިރިއުޅެނީ ކޮންރަށެއްގައިތޯ ނުބަލައި އެފަރުދަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ މުހިންމު އަސާސެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އާބާދީ ކުޑަވެގެންކަމަށް ބުނެ އިހުމާލުވެފައިވާ ރަށްތަކުގެ ތެރޭގައި ހިމަންދޫވެސް ހިމެނޭކަމަށާއި، މިހެން ވަނީ އެސަރުކާރުތަކުން ހަމައެކަނި އާބާދީގެ ނިސްބަތައް ބަލައި ތަރައްގީ ގެނެސްދޭތީ ކަމަށެވެ. އަދި މިއަދުވެސް އެބޭފުޅުންގެ ކެމްޕެއިތަކުން ފެނިގެންދަނީ އެކަހެރިކޮށް އޮންނަ ކުދި އާބާދީގެ ރަށްތަކަށް ދިއުން މުހިންމު ނުވާތަންކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށްތަކުގެ ތެރޭގައި ހިމަންދޫވެސް ހިމެނޭ. އެހެން އެވަނީ އެބޭފުޅުން މިއަދުވެސް އެވިދާޅުވަނީ ތިމަންނަމެން ތަރައްގީ ގެނެސްދޭނީ އާބާދީގެ ނިސްބަތުންނޭ. މިއަދު އެބޭފުޅުންގެ ކެމްޕޭނު ދަތުރުތަކުގައިވެސް މިފެންނަނީ އެމަންޒަރު،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދުވެސް އެދަނީ ކުދި އާބާދީ ހިމެނޭ ރަށްތައް އެކަހެރިކޮށް ބޮޑެތި އާބާދީ އޮންނަ ރަށްރަށުގައި ކެމްޕޭނުކޮށް ތަރައްގީގެ ވާހަކަ ދައްކައިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ރަށުގެ އާބާދީއަށް ބަލައި ތަރައްގީ ގެނެސްގެން ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިރާއްޖެ އެގޮތަކަށް އިސްލާހެއް ނުވާނެއޭ. އަޅުގަނޑުމެންގެ ސިޔާސަތަކީ ކޮންމެ ފަރުދަކަށް އެމީހަކު ދިރިއުޅޭ ރަށެއް ނުބަލައި އެބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން