އއ. ހިމަންދޫގެ ބިންހިއްކައިދީ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން އއ. ހިމަންދޫގައި މިއަދު ކުރިއަށްދިޔަ އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ހިމަންދޫގެ ތަރައްގީއަށާއި، ހިމަންދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ބައިވަރު މަސައްކަތް އަދިވެސް އެބަހުރިކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަސައްކަތްތައް ކުރިއަށްދާނެކަން ފާހަގަ ކުރައްވާ، ހިމަންދޫގެ ބިންހިއްކައިދީ ރައްޔިތުން ދަތުރުދާނެ ރަށެއްވެސް ތަރައްގީކޮށްދެވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ހިމަންދޫގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ބޭނުންވާ އަދި ތިބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތަކެއް އަދިވެސް އެބަހުރި. އެކަން ވާނީވެސް އެހެން. އެއްވެސް ވަރަކަށް އަޅާނުލެވި އަސާސީ ހިދުމަތްތައް ނުދެވި ހުރި ރަށްރަށުގައި ކުރަން ހުންނާނެ ބައިވަރު މަސައްކަތްތަކެއް. އޭގެ ތެރޭގައި ހިމަންދޫއަށް ބޭނުންވާ ބައިވަރު މަސައްކަތް އަދިވެސް އެބަހުރި. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތްތަނުގައި އަޅުގަނޑުމެން އެމަސައްކަތްތައް ކުރިއަށްގެންދާނަން." ރައީސް ސޯލިޙް ވިދާޅުވިއެވެ.

ހިމަންދޫގައި ކުރިއަށްގެންދަން ޖެހޭ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމަންދޫ ބަނދަރުގެ ނެރު ބަދަލު ކުރުމާއި، ރައްޔިތުން ބޭނުންވާގޮތަށް ހިމަންދޫގެ ބިންހިއްކައިދީ ރަށުގެ ފަޅު ތެރޭގައި ރައްޔިތުން ދަތުރުދާނެ ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ބަނދަރުގެ ނެރު ބަދަލުކުރުން އެއީ މިވަގުތު ކުރަންޖެހިފައިވާކަމެއް. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ދިރާސާކޮށް ކުރިއަށްގެންދާނަން. އަދި ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް މިރަށުގެ ބިންހިއްކައި، ރަށު ފަޅުތެޜޭގައި ކުޑަ ޕިކްނިކް އައިލެންޑެއް ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ހަދާދޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.



މީގެއިތުރުން، ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ބަދަލުކޮށްދިނުމާއި، ސިއްހީ ޚިދުމަތުގެ ފެސިލިޓީޒް އިތުރުކޮށް ރަށުގެ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހެދުމާއި، ޒުވާނުންނަށް ބޭނުންވާގޮތަށް އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަދި ހާއްސަކޮށް އަންހެން ބޭފުޅުން ބޭނުންވާ ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމަކީ ހިމަންދޫގައި ކުރިއަށްގެންދަން ޖެހޭނެ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭނެ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހިމަންދޫގައި ދޯނި އެހެލާނެ ސަރަހައްދެއް ގާއިމުކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރަހައްދީ ހޮސްޕިޓަލެއްގެ ޚިދުމަތް ލިބުމަކީ ހިމަންދޫ ހިމެނޭ ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުން އެދެމުންދާ ކަމެއްކަމަށާއި، އެގޮތުން އަންނަ ދައުރުގައި މިސަރަހައްދުގެ ކޮންމެވެސް އެއްރަށެއްގައި ސަރަހައްދީ މިނީ ހޮސްޕިޓަލެއް ގާއިމުކުރެވިގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން