ތަރައްގީގެ ރޮނގުން މި ސަރުކާރުން ގެންނަމުންދަނީ ހިޔާލަށްވެސް ނުގެނެވޭވަރުގެ ބޮޑު ބަދަލެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ސްރީލަންކާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ރަށްރަށަށް ގޮސް ބަލާލުމުން މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފެންނަމުންދާކަމަށެވެ. އަދި އެއީ ހަގީގަތުގައިވެސް ބޮޑު މަސައްކަތެއްކަން އަސްލަމް ފާހަގަކުރެއްވިއެެވެ.

ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، އުފާ ފާގަތި މާހައުލެއް ގާއިމްކޮށްދިނުންކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ސިޔާސަތުގެ ދަށުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ވެރިކަން އެކި ގޮތްގޮތަށް ބަދަލުވެއްޖެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ހުރީ ފުރިހަމަނުވެ. އޭގެ ތެރޭގައި އެންމެ އަސާސީ އެއް ކަމަކީ ފެނާއި ނަރުދަމާ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 180 އަށްވުރެ ގިނަ ރަށް އޮތްއިރު، ފެނާއި ނަރުދަމާ މި ސަރުކާރުން 140 އަށްވުރެ ގިނަ ރަށުގައި އަޅަންޖެހިފައިވާކަމަށެވެ. ނަމަވެސް މި ދައުރު ނިމޭއިރު އެހުރިހާ މަސައްކަތެއް ނިމޭނޭކަމަށް އަސްލަމް ވިދާޅުޅިއެވެ.

ތައުލީމަށް ބަލާއިރުވެސް ވަރަށް ބޮޑު ތަފާތެއް މި ސަރުކާރުން ގެނެސްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެެވެ. އެގޮތުން ކިތަންމެ ކުޑަ ރަށެއް ކަމަށްވިއަސް ސަރުކާރުން އެއްވެސް ތަފާތު ކުރުމެއް ނެތި މި ސަރުކާރުން ތަރައްގީކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ސިއްހީ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެެވެ. އެގޮތުން ސިއްހީ މަރުކަޒުތައް ތަރައްގީކޮށް، ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް މި ދައުރުގެ ތެރޭގައި ފޯރުކޮށްދެވޭނެކަން އަސްލަމް ފާހަގަކުރެއްވިއެެވެ.

އަސްލަމް ވިދާޅުވީ ރާއްޖެއަށް ލިބެމުންދާ ތަރައްގީ އެގޮތުގައި ކުރިއަށް ގެންދެވޭނީ އެމްޑީޕީގެ ވެރިކަން ދަމަހައްޓައިގެންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބުކުރުން ކޮންމެހެންވެސް މުހިއްމުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން