ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ހުންނެވީ ސާބިތުކަމާއެކުކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ހުޅުމާލޭގައި ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނަހުލާ ވަނީ ގާސިމްގެ ދިފާއުގައި ސިޔާސީ ވާދަވެރިންނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

ގާސިމް ވެރިކަމަށް ގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށްދެއްވަމުން ނަހުލާ ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި މިހާރު ހުރި އީޖާދީ ދާއިރާތައް ކުރިއަރުވާނެކަމަށާއި، އެމަނިކުފާނަކީ "ކުރިއަށް" ވިސްނުން ހުރި ލީޑަރެއްކަމަށެވެ. އަދި އެކަންކަން ކުރައްވަނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

"ކަންތައް ކުރައްވާނީ "މަށަށް އެނގޭ އެންމެ މޮޅަށް ނޫންކަން." ކަންކަން ކުރައްވާނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުން ރާއްޖެއަށް ގެނެސްގެންކަން ކަށަވަރު." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ސޯޝަލް މީޑިއާގައި ގާސިމްއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުން ދާކަމަށާއި، އަދި ބަޔަކު އެކަން ކުރަމުންދަނީ ގާސިމާއި ގުޅޭގޮތުން ޒުވާނުންގެ މެދުގައި ފިތުނަ އާއި ދޮގު މައުލޫމާތު ފަތުރައިގެން ގާސިމްގެ އަގު ވައްޓާލުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާއިން އެބާ ފެނޭ. .ސޭޓު ރަށެއް ދަމައިގެންފި. މަހުޖަނު ރަށެއް ކާލައިފި. ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަން ނަގައިގެން ބުރުމާ ގާސިމް އޮންނަނީ ގޭގައި. ސިޔާސީ މީހުންނޭ މި ކިޔާ މީހުން ރާއްޖޭގެ ގިނަ ޒުވާނުންނަށް ގާސިމްގެ ވާހަކަތައް މިގޮތަށް ދަނީ ކިޔައިދެމުން. ގާސިމަކި ކޮން ކަހަަލަ ބޭފުޅެއްކަން ޒުވާނުންނަށް އެނގިދާނެތީ." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ގާސިމާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރިނަމަވެސް، "ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށް" ކަމަށެވެ.

ނަހުލާ ވިދާޅުވީ ގާސިމްގެ ދިފާއުގައި ވާހަކަދައްކަވަނީ ފިރިކަލުންނަށް ވުމުން ނޫންކަމަށާއި، ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވަނީ އެފަދަ ދެވަނަ ބޭފުޅެއް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަން ނެތުމުންކަމަށެވެ.

ނަހުލާ ވިދާޅުވީ ގާސިމްގެ އާމްދަނީގެ 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ވޭތުވެދިޔަ 40 އަހަރު ހޭދަކުރެއްވި ފަގީރުންނާއި ނިކަމެތިންނަށް ކަމަށާއި އެފަދަ ލީޑަރެއް ރާއްޖެއިން ދެން ނުފެންނާނެކަމަށެވެ.

ސިޔާސީ ކަންކަމުގައި އުޅުއްވާތީ ބަޔަކު ޖެހިލުންވެގެން އެކަމަނާއަށް އެކި ގޮތްގޮތުން ޖެއްސުންކޮށް، ބިރު ދައްކަން އުޅޭކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ ބަޔަކު ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

"ގާސިމް ވެރިކަމަށް ގެންނަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަތުކުރި އޮޅާލައިގެން ނިކުމެ މިހުރީ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ކެރިގެން ކަންކަމާއި ކުރިމަތިލާ ލީޑަރުންނަކީ ފެއިލްވިޔަސް ފަހަތަށް ޖެހޭނެ ބައެއް ނޫންކަމަށެވެ. އަދި މީގެކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުން ގާސިމަށް ކާމިޔާބު ލިބިވަޑައިނުގެންނެވިނަމަވެސް، ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ގާސިމް ހުއްޓާނުލައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

" ފަހު ދުވަހާއި ޖެހެންދެންވެސް ގާސިމް ހުންނަވާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް." ނަހުލާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން