ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި "ދަރަނި ރާއްޖެ" ބަދަލުކޮށްލާނީ "ސްމާޓް ރާއްޖެ" އަކަށްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމުން ރާއްޖޭގައި ވެރިކަންކޮށްފިކަމަަށާއި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ރައްޔިތުން އެދުނު ފަދަ ވެރިކަމެއް ނުކުރެވުނު ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިއަދު ފެންނަމުންދަނީ ރައްޔިތުންނާއި މެދު އިހުމާލުވެފައިވާ ބަޔަކު، އަނެއްކާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ވެރިކަންކުރާ އެމްޑީޕީން "އުފާވެރި އަމާން ރާއްޖެ"ގެ ނަމުގައި ކެމްޕެއިން ކުރަމުންދާއިރު ގައުމުގައި އެއްވެސް އުފާވެރިކަމެއް ނެތްކަމަށެވެ. އަދި ޕީޕީއެމްއަށްވެސް އަލީ ވަހީދުގެ ވާހަކައިގައި ފާޑު ވިދާޅުވިއެވެ.

"އެބުނާ ކުރީގެ ބޮޑު ޕާޓީން އެބުނަނީ އުފާވެރި އަމާން ރާއްޖެއޭ. ކޯއްޗެއްތޯ މިތާ އުފާވެރީ. މިތާ އުޅޭ ހިކަނދި މީދާވެސް ތިބީ ދަރާފައޭ. އެންމެން ދަރާފައޭ މިތިބީ. ދެން އަނެއްބަޔަކު މި ބުނަނީ ދިވެހީންގެ ރާއްޖެއޭ. އެހެންކިޔާއިރު، މިހާރުވެސް ކޮންމެވެސް ހިންދޫ ދީނުގެ މީހަކު އެއްޗެއް ފަތުރަން އުޅޭއިރު، އެންމެން މިތިބީ އަތްޖަހަން." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ބޮޑު ޕާޓީތައް ކަމަށް ބުނާ ޕާޓީތަކުން އެ ޕާޓީތައް ބޮޑުކަމަށް ދައްކަން، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ނެރެމުން އަންނަކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ޖަލްސާތަކަށް ބަލާލުމުން ހަގީގީ ބޮޑު ޕާޓީއަކީ ޖުމްހޫރީ ޕާޓީކަން ސާފުކޮށް އެނގިހާމަވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.



އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޖަލްސާތަކަށް އަންނަ މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، މިގައުމު އަމާން ބަނދަރަކާ ހަމައަށް ގެންގޮސްދެވޭނެ ލީޑަރަކީ ޤާސިމް އިބްރާހީމް ކަމަށް ގަބޫލުކުރެވޭތީ އަންނަ ބައެއްކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އިހުމާލުން ރާއްޖެ ވަރަށް ބޮޑަށް ދަރުވާލާފައިވާކަމަށެވެ. ނަމަވެސް އެކަންކަމުން އަރައިގަނެވޭނެ ފޯމިއުލާއާއި ގޮތްތައް ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޤާސިމްގެ ވެރިކަމެއްގައި ދަރަނިތަކުން ރާއްޖެ ސަލާމަތްކޮށް، ސްމާޓް ރާއްޖެއަކަށް ބަދަލުކޮށްލާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން