މައިންބަފައިންނަކީ ސުވަރުގެއަށް ވަނުމަށް ހުރި ދޮރުކޮޅުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް" މި މައުޝޫއުގެ ދަށުން، އިސްލާމްދީނުގައި މައިންބަފައިންނަށް ކަމޭހިތުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން، މައިންބަފައިންނަށް ކަމޭހިތައި މައިންބަފައިން ބުނާ ބަސް އަހާ، ކިޔަމަންތެރިވުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި މައިންބަފައިންނަށް އުރެދުމަކީ ނުބައި ކަމެއް ކަމަށްވެސް ޚުތުބާގައި ވެއެވެ.

"މާތް ނަބިއްޔާ (ޞ.އ.ވ)ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ މާތް ދޮރުކޮޅެވެ. ފަހެ، ތިބާ ސުވަރުގެ އެދޭނަމަ، އެ ދޮރުކޮޅު ނަގާނުލާށެވެ! ނުވަތަ އެދޮރުކޮޅު ރައްކާތެރި ކުރާށެވެ. މި ހަދީޘް ބަސްފުޅުން ދޭހަވެގެން ދަނީ މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމުވެގެންދާނެ ކަމެއް ކަމެވެ." ޚުތުބާގައި ވެއެވެ.

މިއަދުގރ ޚުތުބާގައި ކީރިތި ރަސޫލާ (ޞ.އ.ވ) ގެ މައްޗަށް އަދާކުރައްވަން ޖެހޭ ޙައްޤުތައް އަދާކުރުމަށްފަހު ދެން އެންމެ އިސްކަން ދޭން ޖެހޭނީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށްކަން ހަނދާން ކޮށްދީފައިވެއެވެ.

މީގެ އިތުރުންވެސް، މައިންބަފައިންގެ ފަރާތުން ނުރުހުންތެރި ބަހެއް އަޑުއިވުމުން، އެއަށް ކުޑަކޮށްވެސް ރައްދު ނުދިނުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި އެ ދެމީހުންގެ މައްޗަށް ރަޙުމަތް ލެއްވުން އެދި ދުޢާ ކުރުމަށްވެސް ޚުތުބާގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން