އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ނޫން ބޭފުޅަކަށް މިހާތަނަށް ރާއްޖޭގެ ވެެރިކަން ކުރަން އެނގިވަޑައިގެންފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ރޭ ވިދާޅުވެއްޖެއެެވެ.

ފާދިއްޕޮޅު ހިންނަވަރުގައި ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އަނިޔާވެރިކަމުގެ ދައުރުތަކަކާއި، އެފަދަ ވެެރިން ދިވެހިން ދެކެފި ކަަމަށެވެ. އަދި އަމިއްލަ އެދުމާއި ހެދި އެހެން މީހުންގެ އަޑުއަހަން ނޭގޭ ވެރިން ދިވެހިން ދެކެފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެމްޑީޕީން ލިބުނު ވެރިކަން ވެއްޓިގެންދިޔަ ދައުރަކާއި ބަޣާވާތުގެ ދައުރަކާއި "ވަގެއް" ގެ ދައުރެއް ދިވެހިން ދެކެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދިވެހިން މިއަދު ދެކެމުންދަނީ އޯގާތެރި ވެެރިއެއްގެ ދައުރެއް ކަަމަށް ޖީހާން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން އިއްޒަތްތެރި ރައީސް، ތި ރައީސް ނޫން އެހެން އެއްވެސް ރައީސަކަށް މިރާއްޖޭގެ ވެރިކަން ކުރަން އެނގިފައެެއް ނެތޭ،" ރައީސް ސާލިޙުގެ އުފަން ރަށް ހިންނަވަރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން އިންނެވި ޖަލްސާގައި ޖީހާން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ޖީހާން ވިދާޅުވީ ރާއްޖެއަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދިން ވެރިއެއްގެ ވާހަކަ ރާއްޖޭގެ ތާރިޚު ލިޔާ މީހުން ލިޔާނަމަ އެންމެ ގިނަ ސަފުޙާތައް ލިޔަންޖެހޭނީ ރައީސް ސާލިޙުގެ މައްޗަށް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ތާރިޚު ލިޔާ މީހުންނަށް ލިޔެވޭނީ މި ރިޔާސީ ދައުރުގެ މައްޗަށް ކަަމަށް ރައީސް ޖީހާން ވިދާޅުވިއެެވެ.

"އެހެން ކޮންމެ ދައުރަކަށް ފަހަރެއްގައި ދޮޅު ސަފްހާ ލިޔެވިދާނެ، އެއީ ކީއްވެގެންތޯ، އެންމެ ގިނަ ބަނދަރު، އެންމެ ގިނަ ނަރުދަމާ، އެންމެ ގިނަ ކުލާސް ރޫމް، އެންމެ ގިނަ މަލްޓި ޕާޕަސް ހޯލް، ދިވެހިރާއްޖޭގައި ދެވުނު އެންމެ ގިނަ ހިލޭ ތައުލީމީ ފުރުސަތު، އެންމެ ގިނަ ސްޑޫޑެންޓް ލޯނު، އެންމެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތްތަކާއި އެންމެ ގިނަ މީހުންނަށް ހިލޭ ތެރަޕީ ދިނީ ރައީސްގެ ވެެރިކަމުގައި،" ރައީސް ސާލިޙުގެ ވެރިކަމުގައި ހާސިލުކުރެވިފައިވާ ކުރިއެރުން ތަކަށް އިޝާރަތް ކުރަށްވަމުން ޖީހާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ ޓީޗަރުންނާއި ނަރުހުންގެ މުސާރަ އެއްވެސް ސަރުކާރަކަށް ބޮޑުކުރަން ނުކެރުނު ކަމަށާއި، އެކަން ވެސް ކޮށްދިނީ ރައީސް ސާލިޙު ކަމަށެވެ. އަދި އެންމެ ގިނަ ފަރާތްތަކަށް ލޯނު ދީގެން އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގީ މިދައުރުގައި ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެންމެ ގިނަ އެއާޕޯޓް އަޅާފައިވަނީ ރައީސްގެ ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކަމަށާއި އެންމެ އަގުހެޔޮކޮށް ފެރީގެ ނިޒާމުން ދަތުރުކުރެވެނީ މި ދައުރުގައި ކަމަށެވެ. އަދި ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ރައީސް ގެންނަވާފައިވާ ކަމަށް ޖީހާން ވިދާޅުވިއެެވެ.

"ރައީސް ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނެވީ ކޮވިޑުގެ ތެރޭގައި، ކޮވިޑުގެ ތެރޭގައި ގޮތް ހުސްވެފައި ކުރިއަށްދާނެ މަގު މުޅި ދުނިޔެއަށް ނޭގި ވަންހަނާގެ ތެރޭގައި އަނދިރީގައި ތިއްބާ ރައީސް އަޅުގަނޑުމެންގެ ހުރިހާ ޓެކްނިކަލް މީހުންގެ އަތުގައި ހިފައިގެން ވަޑައިގެން އަޅުގަނޑުމެންނަށް ސިއްހީ އިންގިލާބު ގެންނެވީ ކޮވިޑުގެ ތެރޭގައި. ލާމަސީލު މިސާލެެއް އަޅުގަނޑުމެންގެ ރަށުގެ ރައީސަކީ،" ރައީސް ސާލިޙާއި އާއިލީ ގޮތުން ގުޅުން އޮންނަ ޖީހާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން