އެމްޑީޕީއާއި ޕީޕީއެމްގެ ސަރުކާރުތަކަށް ނުފުއްދުނު ވައުދުތައް ފުއްދައިދޭނީ ޖޭޕީގެ ސަރުކާރެއްގައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލެ ފޭސް 2 ގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ. އަމީން ވިދާޅުވީ މި ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖެ ދުށް ތިން ވެރިކަމެއްގައި ވީ ވައުދުތައް ފުއްދިފައިނުވާތީ، އެ ވައުދުތައް ޖޭޕީ ސަރުކާރެއްގައި ފުއްދައި ދޭނެ ކަމަށެވެ.

ވޭތުވެދިޔަ 15 އަހަރުގައި ރާއްޖޭގައި އެމްޑީޕީން ވަނީ ދެ ފަހަރު މަތިން ވެރިކަންކޮށްފައެވެ. އެެއީ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމެވެ. އަދި ޕީޕީއެމުން ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްވެސް ވަނީ 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައެވެ.

ޑރ. އަމީން ވިދާޅުވީ މި ހުރިހާ ސަރުކާރުތައް ގެނައުމަށް ޖޭޕީން ބޮޑު ދައުރެއް އަދާކޮށްފައިވީއިރު، ވެރިކަން ލިބުމުން އެއިން އެއްވެސް ސަރުކާރަކަށް ވައުދުތައް މަތިން ހަނދާން ނެތް ކަމަށެވެ. އަދި ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކާއި އުންމީދުތަކަށް އިހުމާލުވެ، ފެއިލްވެގެން ދިޔައީ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމުން ބޭއްވި ޕްރޮގްރާމުގައި ބުދަ ދުވަހުގެރޭ ބައިވެރިވެވަޑައިގެން ކުރެއްވުނު ތަޖުރިބާ ހިއްސާކުރައްވަމުން ޑރ. އަމީން ވިދާޅުވީ، އެހެން ރަނިންމޭޓުންގެ ވާހަކަފުޅުގައި، އެއްވެސް ޕްރޮގްރެސިވް ވިސްނުމެއް ފެނިވަޑައިނުގަތް ކަމަށެވެ.

ޑރ. އަމީން ވިދާޅުވީ ކުރީ ސަރުކާރަކުން ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ވީ ވައުދު ވެސް ފުއްދަން ފެއިލްވެފައިވާ ކަމަށާއި ގާސިމްގެ ވެރިކަމެއްގައި އެ ވައުދު ފުއްދަވައި ދެއްވާނެ ކަމަށެވެ. އަދި ހަމައެއާއިއެކު، ދަރިވަރުން ކިޔެވުން ނިންމުމުން، އެކުދިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމުގެ ޕްރޮގްރާމްތައް ރާވާ، 500 އައު ވިޔަފާރިވެރިން އުފައްދަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"ތިޔަބޭފުޅުންނަށް ހީވެދާނެ މި ދައްކަނީ ސަމާސާ ވާހަކައެއް ކަމަށް. އެހެން ނަމަވެސް ގާސިމްގެ އަމިއްލަ ޚަރަދުގައި މަހުޖަނުންތަކެއް އުފައްދަވާފައިވޭ،" ޑރ. އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން